އާޖެންޓީނާއިން ފުރައިގެން ދަތުރުކުރި ޑަޗް ކްރޫޒް ޝިޕް، ’އެމް.ވީ ހޮންޑިއަސް‘ ގައި ފެތުރުނު ނުރައްކާތެރި ’ހަންޓާވައިރަސް‘ ބަލީގައި އެންމެ ފުރަތަމަ ބަލިޖެހުނު މީހާ ނުވަތަ ’ޕޭޝަންޓް ޒީރޯ‘ ކަމާބެހޭ ފަރާތްތަކުން ދެނެގަނެފިއެވެ.
މި ބަލީގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު، އުޅަނދުގައި ތިބި ފަސިންޖަރުން ބޭލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އާޖެންޓީނާއިން ފުރި އެ އުޅަނދުގައި ބަލިޖެހި މަރުވި ފުރަތަމަ މީހަކީ އުމުރުން 70 އަހަރުގެ ޑަޗް ރައްޔިތެއް ކަމަށްވާ ލިއޯ ޝިލްޕަރޫޑްއެވެ. އޭނާއަކީ ދޫނިތަކާ ބެހޭ އިލްމުވެރިއެކެވެ. އޭނާގެ އިތުރުން އޭނާގެ އަންހެނުން މިރްޖަމް ޝިލްޕަރޫޑް ވެސް ވަނީ މި ބަލީގައި މަރުވެފައެވެ.
ތަހުގީގުން އެނގުނު ގޮތުގައި، މި ދެމަފިރިންނަކީ ދޫނި ބަލަން ޝައުގުވެރިވާ ބައެއް ކަމުން، މާރިޗު މަހުގެ ފަހުކޮޅު އާޖެންޓީނާގެ އުޝުއައިއާ ސިޓީގެ ބޭރުގައި އޮންނަ ކުނިގޮޑަކަށް ޒިޔާރަތްކުރިއެވެ. އެއީ ވަރަށް މަދުން ފެންނަ ’ވައިޓް ބެލީޑް ސީޑްސްނައިޕް‘ ކިޔާ ދޫންޏެއް ފެނޭތޯއެވެ. ނަމަވެސް އެ ސަރަހައްދަކީ މީދާ ވަރަށް ގިނަ، އަދި ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށް ކުނި ޖަމާވެފައިވާ ނުރައްކާތެރި ތަނެކެވެ. ބެލެވޭ ގޮތުގައި އެމީހުންގެ ގަޔަށް ވައިރަސް އެރީ އެތަނުގައި އުޅޭ މީދަލުގެ ނަޖިހުގެ ޒަރީއާއިންނެވެ.
މިއަދު ސްޕެއިންގެ ޓެނެރީފްގައި އުޅަނދު ބަނދަރުކޮށް، ފަސިންޖަރުން ބޭލުމުގެ މަސައްކަތް ސްޕެއިންގެ އިދާރާތަކުން ވަނީ ފަށާފައެވެ. އުޅަނދުގައި ތިބި 17 އެމެރިކާ ރައްޔިތުން ހިމެނޭހެން، ހުރިހާ ފަސިންޖަރުން ބާލާނީ އެމީހުންގެ ގައުމުތަކަށް ބަލައިގެން ވަކިވަކިންނެވެ. ބަލީގެ އަލާމާތެއް ނެތް އަދި ޓެސްޓް ނެގެޓިވްވާ މީހުން، މެޑިކަލް ޕްރޮފެޝަނަލުންނާއެކު ތައްޔާރުކޮށްފައިވާ ޚާއްސަ ފްލައިޓްތަކުގައި އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.
ހަންޓާވައިރަސްގެ މި ވައްތަރަކީ (އެންޑީސް ވައިރަސް) ވަރަށް މަދުން ފެންނަ، ނަމަވެސް ވަރަށް ނުރައްކާތެރި ވައްތަރެކެވެ. މިއީ އާންމުކޮށް މީދަލުގެ ފަރާތުން ފެތުރުނު ނަމަވެސް، އިންސާނުންގެ ފަރާތުން އިންސާނުންގެ ގަޔަށް އެރުމުގެ ފުރުސަތު އޮންނަ ހަމައެކަނި ހަންޓާވައިރަސް އެވެ. މި ބަލީގައި މަރުވާ ރޭޓް %20 އާއި %40 އާ ދެމެދުގައި ހުންނައިރު، އޭގެ ސަބަބުން ފުއްޕާމޭގެ ނުރައްކާތެރި ބަލިތައް ޖެހެއެވެ.
ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް ހަށިގަނޑަށް ވަންނަތާ 1 ހަފުތާއާއި 8 ހަފުތާއާ ދެމެދުގެ މުއްދަތެއްގައެވެ.
މި ބަލިން ރައްކާތެރިވުމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ އިރުޝާދުތަކެއް ދީފައެވެ.
ބަލިން ރައްކާތެރިވުމަށް ޑަބްލިއު.އެޗް.އޯ އިން ދީފައިވާ އިރުޝާދުތަށް:
- މީދާ ފަދަ ޖަނަވާރުތަކާ ދުރުހެލިވުން.
- ގޭގެއާއި މަސައްކަތްކުރާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
- މީދާ ވަދެވޭ ގޮތަށް ހުންނަ ތަންތައް ބަންދުކުރުން.
- ކާބޯތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މީދާގެ ނަޖިސް ހުންނަ ތަންތަން ސާފުކުރުމުގައި ރައްކާތެރި ގޮތްތައް ބޭނުންކުރުން (ހިކިކޮށް ކުނިކެހުމުގެ ބަދަލުގައި، ސާފުކުރުމުގެ ކުރިން އެ ތަންތަން ތެންމާލުން).
- އަތްދޮވުން ފަދަ ސާފުތާހިރުކަމުގެ އާދަތައް ވަރުގަދަކުރުން.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ހުންއައުން، މަސްތަކުގައި ރިއްސުން، ބޯއެނބުރުން، ހީކެރުވުން، މޭނުބައިކުރުން، ހޮޑުލުން، ބޭރަށްހިންގުން، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.



