މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، އިންޑިއާއިން ބޭރުވާ ފައިސާ މަދުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.
މިދިޔަ ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ތެލުގެ ސަޕްލައިއަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭރު ފައިސާ ސަލާމަތްކުރެވޭނެ ގޮތްތަކެއް ހޯދުމަށް މޯދީ ވަނީ ބާރުއަޅުއްވާފައެވެ. މިގޮތުން، ޤައުމުން ބޭރަށް ކުރާ ދަތުރުތައް މަދުކުރުމާއި، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ އިތުރުން، ބޭރުން މުދާ އެތެރެކުރުން މަދުކުރުމަށް މޯދީ ވަނީ ހުށަހަޅުއްވާފައެވެ.
މީގެއިތުރުން، ތެޔޮ އިޤްތިޞާދު ކުރުމުގެ ގޮތުން އަމިއްލަ އުޅަނދުފަހަރުގެ ބަދަލުގައި ވީހާވެސް ބޮޑަކަށް ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކައިވެނިތަކަށް ރަން ގަތުމާއި، ކައްކާ ތެޔޮ ބޭނުންކުރުން މަދުކުރުމުގެ އިތުރުން، މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޗުއްޓީ ހޭދަކުރުމަށް ޤައުމުން ބޭރަށް ނުދިއުމަށް ވެސް ބޮޑުވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ދަނޑުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން، ގަސްކާނާ ބޭނުންކުރާ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކުރުމަށް މޯދީ ވަނީ ދަނޑުވެރިންނަށް ގޮވާލައްވާފައެވެ.
”މި ފިޔަވަޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ، މި ދަތި ޙާލަތުގައި ބޭރު ފައިސާ އިންޑިއާގެ އިޤްތިޞާދުގެ ތެރޭގައި ވީހާވެސް ބޮޑަކަށް ހިފެހެއްޓުން،“ ބޮޑުވަޒީރު ވިދާޅުވިއެވެ.
އިންޑިއާއަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމަށް ވީނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ޤައުމުގެ އެތެރޭގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް ބޮޑުކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށް މޯދީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.




