ފަލަސްޠީނުގެ ރައްޔިތުންގެ ގިނަ އަދަދެއްގެ ވިޔަފާރިތަކަކަށް އިސްރާއީލުން ގެއްލުންދީ، ބިމާހަމަކޮށްލައިފިއެވެ.
ޤުދުސް ހިންގާ މައި އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޔަހޫދީންގެ ނިރުބަވެރި ފައުޖުތަކުން އިރުމަތީ ޤުދުސްގެ ސިނާއީ ސަރަޙައްދެއްގައި ފަލަސްޠީނުގެ ރައްޔިތުންގެ 40 އަށް ވުރެ ގިނަ ވިޔަފާރިތައް ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ.
މި ޖަރީމާ ހިންގި ސަރަޙައްދަށް އެއްވި އާންމު ރައްޔިތުންގެ ތެރެއަށް އިސްރާއީލު ސިފައިން ވަނީ ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްފައެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ވިޔަފާރިތައް އެ ސަރަޙައްދު ހުސްކުރުން މެއި މަހާ ހަމައަށް ހުއްޓުވައި ކޯޓު އަމުރެއް އޮތް ނަމަވެސް، ޔަހޫދީން ވަނީ އެ ސަރަޙައްދު ހުސްކުރުމަށް ތަފާތު އިންޒާރުތައްދީ ބިރު ދައްކައިފައެވެ. މިގޮތުން، މި މަހުގެ 10ވަނަ ދުވަހާ ހަމައަށް އެ ސަރަޙައްދު ހުސްނުކޮށްފިނަމަ، މުޅި ސަރަޙައްދު ސުންނާފަތިކޮށްލާނެކަމުގެ އިންޒާރު ޔަހޫދީންގެ ނިރުބަވެރި ފައުޖުން ކުރިން އޮތީ ދީފައެވެ.
އިރުމަތީ ޤުދުސްއަކީ މުސްތަޤްބަލުގައި އުފައްދާ ފަލަސްޠީނުގެ މިނިވަން ދަޢުލަތުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެވެ. ނަމަވެސް، 1967ވަނަ އަހަރުގެ ހަނގުރާމައިގައި އެ ސަރަޙައްދު އިސްތިޢުމާރު ކުރުމަށްފަހު، އިސްރާއީލުން ގެންދަނީ އެއީ އެމީހުންގެ ބައެއްގެ ގޮތުގައި ދައުވާކުރަމުންނެވެ. އެހެންނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަން ބަލައެއް ނުގަނެއެވެ.
އޮކްޓޯބަރު 2023ގައި ޣައްޒާގައި ފެށި ނަޞްލު ނައްތާލުމުގެ ހަނގުރާމައާއެކު، އިރުމަތީ ޤުދުސް އާއި ހުޅަނގު އައްސޭރިއަށް އަތްގަދަކުރުމުގެ މަސައްކަތް ޔަހޫދީން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރީގައި އެކަނިވެސް އެއްހާހަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.




