ގިނަ ގިނައިން ދޮގު ޑޮކިއުމެންޓްރީ ހަދަން ގޮވާލާ، އެކަމުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ދެ ދުނިޔޭގައިވެސް ފައިދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”އަދަދު“ ނޫހުން ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ތައްޔާރުކުރި ވީޑިއޯއަކާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވާދަވެރިން މިފަދަ ޑޮކިއުމަންޓްރީތައް ހަދާތީ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އެކަމަށް މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ.
އަދި މީހެއްގެ އަގު ވައްޓާލައި އަބުރު ކަތިލުމަށް ހަގީގަތެއް ނެތް ދޮގު ވާހަކަ ފަތުރާއިރު ކެތްތެރިވާ މީހާއަށް އިސްލާމްދީނުގައި އޮތީ މަތިވެރި ސަވާބުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑު އެދެނީ ގިނަ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމެންޓްރީއެއް އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އަޅުގަނޑަށް ފައިދާ އޮތީ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދުރުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަސްޓް ލޭޑީ މިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ ދަރިކަލުންގެ ކައިރިއަށް ކުރެއްވި، މާ ކުރިން ރޭވިފައިވާ ދަތުރުފުޅެއް ކަމަށް ރައީސް ސާފުކޮށްދެއްވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، ގައުމަށް މިއަދު ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ކަމަށެވެ.
ކުރީގެ ރައީސުން ކަމަށްވާ ނަޝީދު، ސޯލިހު އަދި ޔާމީނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ”ބަތް ކައްކާ ކުޅޭ“ އަދި ”ދެއުޅިއެއް ނުވާ“ ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށާއި، ފެއިލްވެފައިވާ ބަޔަކު ނުކުމެ ގައުމުގެ ވާހަކަ ދެއްކުމުން ޒުވާނުން މާޔޫސްވާނެ ކަމަށެވެ.




