ފާއިތުވި ދެ ދުވަހުގެ ތެރޭގައި ރަޝިޔާއިން 1،500 އެއްހާ ޑްރޯން ހަމަލާ ޔޫކްރޭނަށް އަމާޒުކޮށްފައިވާ ކަމަށް، ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
މިއީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ދީފައިވާ އެންމެ ވަރުގަދަ ޑްރޯން ހަމަލާތަކުގެ ގޮތުގައި ޒެލެންސްކީ ވަނީ ސިފަކުރައްވާފައެވެ.
މި ހަމަލާތައް ޔޫކްރޭނުގެ ގިނަ ސިޓީތަކަކަށް އަމާޒުކޮށްފައިވާއިރު، އޭގެ ތެރޭގައި ވެރިރަށް ކިއޭވް ވެސް ހިމެނެއެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި މިހާތަނަށް 11 މީހުން މަރުވެފައިވެއެވެ. އަދި ކިއޭވްގެ 20 ސަރަހައްދަކަށް ދިން ހަމަލާތަކުގައި އިތުރު 40 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫކްރޭނުގެ ވައިގެ ސިފައިން ހާމަކޮށްފައިވާ ގޮތުގައި، ރޭގެ އެކި ވަގުތުތަކުގައި ރަޝިޔާއިން 670 ޑްރޯނާއި 56 މިސައިލް ހަމަލާ ދީފައިވެއެވެ. ނަމަވެސް ޔޫކްރޭނުގެ ދިފާއީ ނިޒާމުން ވަނީ އޭގެ ތެރެއިން 41 މިސައިލާއި 652 ޑްރޯން ވައްޓާލާފައެވެ. މި ހަމަލާތަކުގައި 180 އުމްރާނީ ވަސީލަތަކަށް ގެއްލުން ލިބިފައިވާއިރު، އޭގެ ތެރޭގައި މީހުން ދިރިއުޅޭ 50 އިމާރާތެއް ހިމެނެއެވެ.
ޒެލެންސްކީ ވިދާޅުވީ މިފަދަ ވަރުގަދަ ހަމަލާތަކުން ދައްކުވައިދެނީ، ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްޙަ ގާއިމުކުރަން ރަޝިޔާއިން ބޭނުންނުވާ ކަމެވެ.
2022 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އިސްވެ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، މިހާތަނަށް ބޭއްވި މަޝްވަރާތަކުން އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.



