މޯލްޑިވްސް 2.0 ގެ މަސައްކަތްތައް ނިމިގެންދާއިރު، ރާއްޖޭގެ ކަނޑުމަގުން ދަތުރުކުރާ ބިދޭސީންގެ މައުލޫމާތު ފަސޭހައިން އެނގޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ބިދޭސީން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރުމަށް އުޅަނދުފަހަރު ބޭނުންކުރާއިރު، އެ އުޅަނދުތަކަށް އަރާ ބިދޭސީން ދެނެގަތުމަށް މިހާރު ދަތިތަކެއް ހުރިކަމަށެވެ.
ނަމަވެސް އާ ނިޒާމާއެކު ކޮންމެ އުޅަނދަކަށް އަރާ ފައިބާ ބިދޭސީންނަކީ ކޮން ބައެއްކަން ސީދާ އެނގޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ނިޒާމުގެ ސަބަބުން ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގާއިރު ގެއްލޭ މީހުންގެ ވަނަވަރު ދެނެގަތުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
”ބައެއްފަހަރު ދޯނި ދަތުރުކޮށްފައި އަންނައިރު މަދު އެބަވޭ. ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރި. އެފަދަ ހާދިސާތައް ހިނގައިފިނަމަ އެ ދޯންޏަކަށް އެރި މީހުން އެނގޭނެ މި ނިޒާމާއެކު،“ މިނިސްޓަރު ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ”ވައިޓް ލިސްޓް“ އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. މި ލިސްޓުގައި ހިމެނޭނީ މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައިނުވާ އަދި ގަވާއިދުން ފީ ދައްކަމުންދާ ކުންފުނިތަކެވެ. މިފަދަ ކުންފުނިތަކުން ޚިދުމަތްތަކަށް އެދުމުން ސިސްޓަމް ތެރެއިން އޮޓޯއިން އެޕްރޫވްވާނެ ގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުން މިހާރުވެސް އަންނަނީ ”އޮޕަރޭޝަން ކުރަނގީ“ ގެ ނަމުގައި ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ. މި މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރިއަށްދާއިރު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ދަނީ ކުރަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ދައުރު ނިމޭއިރު، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓާ އެއް ގައުމަށް ވެގެންދާނެ ކަމަށެވެ.




