ޤައުމީ ޚިދުމަތުގައި އުޅެނިކޮށް މިއަދު ނިޔާވި، ސިފައިންގެ ޑައިވަރު ސްޓާފް ސާޖެންޓް މުޙައްމަދު މަހުދީއަކީ ދިވެހި ޤައުމުގެ ހައްޤުގައި، ދައުލަތުގެ ޝަރަފުގައި ވަކިވެގެންދިޔަ އަގުހުރި ސިފައިންގެ ބޭކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަހުދީ ނިޔާވުމާއި ގުޅިގެން ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި މަޖިލީހުގެ ރައީސް ވިދާޅުވީ، ވ. އަތޮޅު އަލިމަތާ ކައިރީގައި ކަނޑުގެ އަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، މއ. ޖަމްބުގަސްދޮށުގެ، މުޙައްމަދު މަހުދީ (43އ) ނިޔާވި ޚަބަރު އެހީ ނުހަނު ހިތާމައާއެކު ކަމަށެވެ.
”ދިވެހިޤައުމުގެ ހައްޤުގައި، މި ދައުލަތުގެ ޝަރަފުގައި އަޅުގަނޑުމެންނާއި ވަކިވެގެން އެދިޔައީ އަގުހުރި ސިފައިންގެ ބޭކަލެކެވެ. ކީރިތި الله މަރުޙޫމުގެ ފުރާނަޔަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. ޢާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށި“ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަހުދީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
މަހުދީއަކީ ސިފައިންގެ ޚިދުމަތާ 19 ޑިސެމްބަރު 2005 ގައި ގުޅިވަޑައިގެން، 20 އަހަރާއި ހަތަރު މަސް ދުވަހު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭކަލެކެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، ފީނަން ދިޔަ އިޓަލީގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކީ ހައި ރިސްކު، ނުރައްކާތެރި އޮޕަރޭޝަނެކެވެ.
މި ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުން ތާށިވެފައިވަނީ ކަނޑުގެ އަޑީގެ ހޮހަޅައެއް (ކޭވް) ތެރޭގައެވެ.




