ވ. އަތޮޅު އަލިމަތާ ކައިރީގައި ކަނޑުގެ އަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ކުއްލި ގޮތަކަށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު، އިސްލާމީ މަރުކަޒުގައި މިރޭ 22:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މައްޔިތާގެ މޫނު ދެއްކުން މިރޭ 19:00އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ.
ކަށުނަމާދަށް ފަހު، މައްޔިތާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މާލެ މައްޗަންގޮޅީ އާސަހަރާގައެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްއެންޑީއެފްއިން އެދިފައިވެއެވެ.




