ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.
މެޓުން ބުނިގޮތުގައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ވިއްސާރަކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށެވެ.
މެޓުން ބުނީ މި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ބަލައި، އެ އިދާރާއިން ވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ އިރުއޮއްސި 18:45 އިން ފެށިގެން ދަންވަރު 1:30 އާ ހަމައަށެވެ. އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާކަމަށް މެޓުން ވަނީ ބުނެފައެވެ. އެހެންކަމުން، ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށާއި، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




