ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2026 ގައި ބައިވެރިވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ނިއުޕޯޓްގައި ހުންނަ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރ ވޭލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 16 އިން 19 ގެ ނިޔަލަށެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ މި ބޮޑު ޙަރަކާތުގެ ތެރެއިން ”ދަ ސަނީ ސައިޑް އޮފް ލައިފް“ ގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތާއި، ކެއުންބުއިމުގެ ތަފާތު ތަޖުރިބާތައް ދުނިޔޭގެ މާކެޓްތަކަށް ދައްކާލުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރަށް ވަރުގަދަކުރުމަކީވެސް މި ބައިވެރިވުމުގެ މުހިންމު މަޤުޞަދެކެވެ.
ވޯލްޑް ޝެފްސް ކޮންގްރެސް އަކީ ދުނިޔޭގެ މަޝްހޫރު ޝެފުންނާއި، ގޭސްޓްރޮނޮމީ ދާއިރާގެ ތަޖުރިބާކާރުންނާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތައް އެއްތަންވާ މުހިންމު ޕްލެޓްފޯމެކެވެ.
2026 ވަނަ އަހަރުގެ އެކްސްޕޯގައި މަތީ ފަންތީގެ މުބާރާތްތަކާއި، ފަންނީ މަޝްވަރާތަކުގެ އިތުރުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް ވީއެމްސީން ފާހަގަކުރެއެވެ.
މިއީ ދުނިޔޭގެ ކާބޯތަކެތީގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ބައިނަލްއަޤުވާމީ ގުޅުންތައް ޤާއިމުކޮށް، އައު ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދިވެހި ސަގާފީ ރަހަތަކާއި، ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުން ލިބޭ މަތީ ފަންތީގެ ކެއުންބުއިމުގެ ތަޖުރިބާތައް ދައްކާލައި، ގޭސްޓްރޮނޮމީގެ ރޮނގުން ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމެވެ.
ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަމާއި ސަގާފީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ކެއުންތަކުގެ އިތުރުން، ލަގްޒަރީ ރިސޯޓުތަކުގެ ފުރިހަމަ ޚިދުމަތްތައް ހާމަކޮށްދިނުމަކީ މި ދަތުރުގެ މުހިންމު ބަޔެކެވެ. ވީއެމްސީން ވިދާޅުވީ މި ޙަރަކާތުގެ ސަބަބުން ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ޖަމުޢިއްޔާތަކާއި، މަޝްހޫރު ޝެފުންނާއި، ހޮސްޕިޓާލިޓީ ދާއިރާގެ އިސް ފަރާތްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެކަމަށެވެ.
މީގެ އިތުރުން، މުހިންމު މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެހީތެރިވެދޭނެކަމަށާއި، ބައިނަލްއަޤުވާމީ މީޑިއާތަކާއި ނޫސްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމަށް މިއީ ލިބޭ ރަނގަޅު ފުރުސަތެއްކަން ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކުރައްވާފައެވެ.



