ވ. އަތޮޅުގެ މަޝްހޫރު ”މިޔަރު ޑައިވް“ ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރަކު ހޯދުމަށް ހިންގާ އޮޕަރޭޝަން ކާމިޔާބު ކުރާނެ ކަމަށާއި ޑައިވަރުންގެ ހަށިގަނޑުތައް މިޔަރުތައް ކާން ދޫކޮށްނުލާނެ ކަމަށް، އެ މީހުން ހޯދަން ހަވާލުކޮށްފައިވާ އިޓަލީގެ ޑޭން ޔޫރަޕް ކުންފުނީގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ. އެމްއެންޑީއެފުން ވިދާޅުވީ އިޓަލީގެ އިންސްޓްރަކްޓަރު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން މަރުވެފައި ތިބި ކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވަމުން ދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ވަނީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވެފައެވެ.
އެ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އޮޕަރޭޝަންގައި ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް މިއަދު ހެނދުނު ރާއްޖެ އައިއިރު، އިޓަލީގެ ޑޭން ގްރޫޕްގެ ބަޔަކު ވެސް ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖެއަށް އައި ޑައިވަރުންގެ ތެރޭގައި ހިމެނެނީ ކަނޑުގެ އަޑީގެ ފުން ސަރަހައްދަކާއި ކޭވް ޑައިވިންގެ ތަޖުރިބާ ލިބިފައިވާ ތިބި ޑައިވަރުންނެވެ.
”ނިއުޔޯކް ޕޯސްޓް“ ގައިވާ ގޮތުން ފިންލެންޑުގެ އެންމެ މޮޅު ތިން ޑައިވަރުން ހިމެނޭ ގޮތަށް އަލަށް އެކުލަވާލެވުނު ޔޫރަޕްގެ ޚާއްސަ ޓީމުން، މާދަމާގެ ވަގުތެއްގައި އޮޕަރޭޝަން އަލުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެ ނޫހުގައިވާ ގޮތުން ޑައިވާސް އެލާޓް ނެޓްވޯކް ޔޫރަޕުން އެކުލަވާލައި ފޮނުވި މި ޓީމުގައި، 2014 ވަނަ އަހަރު ނޯވޭގައި ހިނގި ހާދިސާއެއްގައި ސަލާމަތްވި ޑައިވަރުން ކާމިޔާބުކަމާއެކު ނެގުމުގައި ބައިވެރިވެފައިވާ ސާމީ ޕާކަރިނެން އާއި ޕެޓްރިކް ގްރޯންކްވިސްޓް ހިމެނެއެވެ. އަދި 2018 ވަނަ އަހަރު ހޮހޮޅައެއްގައި ތާށިވި ތައިލެންޑުގެ ޒުވާން ފުޓުބޯޅަ ޓީމެއް ކާމިޔާބުކަމާއެކު ސަލާމަތްކުރުމުގައި ބައިވެރިވި ބަޔަކު ވެސް މި ޓީމުގައި ހިމެނޭ ކަމަށް އެ ނޫހުގައިވެއެވެ.
”އަޅުގަނޑުމެން (ހަށިތައް) އަނބުރާ ގެންނާނަން. މިޔަރުތަކަށް ދޫކޮށްލާކަށް ނުވާނެ. މިތަނަށް ތަޖުރިބާކާރުން ބޭނުންވޭ“ އިޓަލީގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޑޭން ޔޫރަޕް ކުންފުނީގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވިއެވެ.
މަރޯނީ ވިދާޅުވީ ޑައިވަރުން 200 ފޫޓު އަޑިއަށް ގޮސްފައިވާތީ މި އޮޕަރޭޝަން އަވަސް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.



