މޯލްޑިވްސް އޭއައި ލެބަކީ އަމިއްލަ ވިޔަފާރިތަކަށް އެކުގައި މަސައްކަތްކުރުމަށް، ފަންނީ ޤާބިލްކަން ހިއްސާކުރުމަށް ދެވޭ ދައުވަތެއް ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރ އިފްތިތާޙްކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު ނުވަތަ މޯލްޑިވްސް އޭއައި ލެބް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޯލްޑިވްސް 2.0، ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ތަޞައްވުރުގެ މުހިންމު މަސައްކަތެއް ކަމަށް ހޯމް މިނިސްޓްރީއިން ބުނެފައިވެއެވެ. މި ލެބް އިފްތިތާޚްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިޙްސާން ވަނީ، މިއީ ވެރިކަން ހިންގުމާއި އިގްތިސާދީ ބަދަލުތަކުގެ ކުރިއަށް އޮތް ދައުރަށް ބޭނުންވާ ގައުމީ ގާބިލުކަން ބިނާކުރުމަށް ދިވެހިރާއްޖެއިން ނިންމި ނިންމުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ބާރުދުވެލީގައި ކުރިއަރަމުން އަންނަ މި ދުނިޔޭގައި، ދިވެހިރާއްޖެ ވާންޖެހެނީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުން ކުރާ ޤައުމަކަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި ރާއްޖެ ވާންޖެހެނީ ޓެކްނޮލޮޖީތައް ޤާއިމްކޮށް ބަލަހައްޓާ ޤައުމީ މަސްލަހަތު އިސްކޮށް ޚިދުމަތް ދިނުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމަކަށް ކަމަށެވެ. މިކަމަށް މަގުފަހި ކުރުމަށް، މޯލްޑިވްސް 2.0 ގެ ދަށުން ޤާނޫނާއި އޮނިގަނޑުތައް އެކުލަވާލައި، ޑިޖިޓަލް އިންފްރާސްޓަރަކްޗަރ އަދި އޭގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.



