ވ. އަތޮޅުގެ މަޝްހޫރު ”މިޔަރު ޑައިވް“ ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށުގަނޑު، ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރެއިން މިއަދު ފެނިއްޖެއެވެ.
”ސައުވީސް“ އަށް އެކަން ޔަގީންކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ، ގެއްލިފައިވާ އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކުން މިއަދު ލޮކޭޓް ކުރެވިފައިވާ ކަމަށެވެ.
ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން އަދި އިޓަލީ ސަރުކާރުން ހަމަޖައްސައިދިން މާހިރުންގެ ޓީމަކުން ގުޅިގެން މިއަދު ހިންގި ސަރޗް އެންޑް ރިކަވަރީ އޮޕަރޭޝަނެއްގެ ތެރެއިން ކަމުގައިވެސް މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ފަތުރުވެރިންގެ ހަށިގަނޑު މިހާރު ލޮކޭޓްވެފައިވީނަމަވެސް، ކަނޑުއަޑިން އެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ.
އެމްއެންޑީއެފުން ވިދާޅުވީ އިޓަލީގެ އިންސްޓްރަކްޓަރު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން މަރުވެފައި ތިބި ކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް އެމްއެންޑީއެފުން ކުރިން ވިދާޅުވިއެވެ.
ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވަމުން ދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ވަނީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވެފައެވެ.
އެ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ނިންމިއެވެ. އޮޕަރޭޝަންގައި ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް އިއްޔެ ހެނދުނު ރާއްޖެ އައިއިރު، އިޓަލީގެ ޑޭން ގްރޫޕްގެ ބަޔަކު ވެސް ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖެއަށް އައި ޑައިވަރުންގެ ތެރޭގައި ހިމެނެނީ ކަނޑުއަޑީގެ ފުން ސަރަހައްދަކާއި ކޭވް ޑައިވިންގެ ތަޖުރިބާ ލިބިފައިވާ ތިބި ޑައިވަރުންނެވެ.



