އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށްޓަކައި އާ ކައުންސިލަރުންގެ މެދުގައި އަށްވަނަ ފަހަރަށް ބޭއްވި ވޯޓުގައި، އެ ކައުންސިލްގެ ނައިބު ރައީސްކަމަށް އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދު ރޭގައި އިންތިޚާބުކޮށްފިއެވެ.
ރޭ 9:00 ގައި ބޭއްވި މި ޖަލްސާގައި ޒައީމާ ނައިބު ރައީސްކަމަށް ހޮވުނީ ތިން ވޯޓު ލިބިވަޑައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫނަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. ޒައީމާއަކީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށު ކައުންސިލްގެ ރައީސްކަމަށް ވެސް ވާދަކުރެއްވި ބޭފުޅެކެވެ.
މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްކަމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޒައީމާއާއި މައުމޫނުގެ އިތުރުން އަމިއްލަ މެންބަރު ބުންޔާމީން ހަސަނެވެ. އެންމެ ފުރަތަމަ ބުރުގައި ޒައީމާއާއި މައުމޫނަށް ދެ ވޯޓު ލިބުނުއިރު، ބުންޔާމީނަށް ލިބުނީ އެއް ވޯޓެވެ. އޭގެ ފަހުން ބޭއްވި ކޮންމެ ވޯޓެއްގައި ވެސް ޒައީމާއާއި މައުމޫންގެ ވޯޓު އެއްވަރުވެ، ބާތިލު އެއް ވޯޓު ހިމެނުމުގެ ސަބަބުން ނައިބަކު ހޮވުން އޮތީ ދިގުލައިގޮސްފައެވެ.
އާ ދައުރަކަށް އިންތިޚާބުވި ފަސް މެންބަރުން މިދިޔަ އާދިއްތަ ދުވަހު ހުވާކުރެއްވި ނަމަވެސް، ނައިބަކު ނުހޮވި އޮތުމުގެ ސަބަބުން ކައުންސިލްގެ ރަސްމީ މަސައްކަތްތައް ފެށޭގޮތް ވަނީ ނުވެފައެވެ. ގާނޫނުގައިވާ ގޮތުން ކައުންސިލަރުން ހުވާކުރުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބު ރައީސަކު އިންތިޚާބުކުރަން ޖެހެއެވެ.




