ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލުގައި އިއްޔެ ފަށައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޙަލީމް ވިދާޅުވި ގޮތުގައި ޑިޕާޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕެރޭޝަންތަކުގެ ތެރެއިން ހަތަރު ވައްތަރެއްގެ އޮޕެރޭޝަނެއް އިއްޔެއިން ފެށިގެން ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނެ ވަސީލަތްތައް މިހާރު ވަނީ ގާއިމްކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ:
° ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އެންޑޯވީނަސް ލޭޒަރ ޓްރީޓްމެންޓް (އީވީއެލްޓީ)
° ފުރަގަސްފަރާތުގެ ބަލި (ޕައިލްސް) އަށް ކުރާ ލޭޒަރ ހެމޮރޮއިޑޯޕްލާސްޓީ
° ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ އެނަލް ފިސްޓުލާއަށް ކުރާ ފިސްޓުލާ ޓްރަކްޓް ލޭޒަރ ކްލޯސާ (ފިލަކް)
° ޕައިލޯނީޑަލް ސައިނަސް އަށް ކުރާ ސައިނަސް ލޭޒަރ ކްލޯޒާ (ސިލަކް) އޮޕަރޭޝަން
މި އައު ޚިދުމަތާއެކު ބަލިމީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ”ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވުމާއި، ތަދުވުން ކުޑަވެ ބަލިމީހާ ވަރަށް އަވަހަށް ފަސޭހަވުން“ ހިމެނެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުރުވެ، އިންފެކްޓްވުމުގެ ފުރުސަތު ނިސްބަތުން ކުޑަވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ލުއިފަސޭހަ އަދި ކުރިއަރާފައިވާ ސިއްހީ ފަރުވާގެ ނިޒާމެއް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމަށް ޓަކައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ޚިދުމަތް ތަޢާރަފުކުރުމުގައި ސާޖަރީ ޓީމުންނާއި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ މުވައްޒަފުންގެ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.




