ވ. އަތޮޅުގައި ސަފާރީއެއްގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ޖުމްލަ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ކަނޑު އަޑިން ނުނެގި އޮތް ހަތަރު ހަށިގަނޑުގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ މީހުންގެ ހަށިގަނޑު ވަނީ މިހާރު ނަގައިފައެވެ.
ނުފެނި އޮތް ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ އިއްޔެކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވަނީ ވިދާޅުވެފައެވެ.
އެ މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ އެ ހޮހޮޅައިގެ އެންމެ އަޑިންނެވެ.
މިމަހުގެ 14 ވީ ބުރާސްފަތި ދުވަހު ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ.
އެމްއެންޑީއެފުން ވިދާޅުވީ އިޓަލީގެ އިންސްޓްރަކްޓަރު ހަމަ އެދުވަހު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން މަރުވެފައި ތިބި ކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް އެމްއެންޑީއެފުން ކުރިން ވިދާޅުވިއެވެ.
ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވަމުން ދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ވަނީ މި މަހުގެ 16 ވަނަ ދުވަހު ނިޔާވެފައެވެ.
އެ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ނިންމިއެވެ. އޮޕަރޭޝަންގައި ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް އިއްޔެ ހެނދުނު ރާއްޖެ އައިއިރު، އިޓަލީގެ ޑޭން ގްރޫޕްގެ ބަޔަކު ވެސް ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖެއަށް އައި ޑައިވަރުންގެ ތެރޭގައި ހިމެނެނީ ކަނޑުއަޑީގެ ފުން ސަރަހައްދަކާއި ކޭވް ޑައިވިންގެ ތަޖުރިބާ ލިބިފައިވާ ތިބި ޑައިވަރުންނެވެ.



