އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ މިސްކިތަކަށް ބަޑިން ދިން ނުރައްކާތެރި ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާ ދީފައިވަނީ ސެން ޑިއޭގޯގެ އެންމެ ބޮޑު މިސްކިތަށެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެ މިސްކިތުގެ ސެކިއުރިޓީ ގާޑުވެސް ހިމެނެއެވެ.
މި ހަމަލާ ދީފައިވަނީ ފުރާވަރުގެ ދެ ކުއްޖަކު ކަމަށް ތުހުމަތު ކުރެވޭއިރު، އެއީ 18 އަހަރުގެ ކެލެބް ވެޒްކުއެޒް އާއި 17 އަހަރުގެ ކެއިން ކްލާކް ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަލާ ދިނުމަށްފަހު އެ ދެ ކުދިން ވަނީ އަމިއްލައަށް މަރުވެފައެވެ. އެމީހުންގެ ހަށިތައް ފެނިފައިވަނީ މިސްކިތާ ކައިރި ހިސާބެއްގައި އޮތް ކާރެއްގެ ކައިރިންނެވެ.
މި މައްސަލަ މިހާރު އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ތަހުގީގު ކުރަން ފަށާފައިވާއިރު، މި ހަމަލާއަކީ މުސްލިމުންނާ މެދު އޮތް ރުޅިވެރިކަމާއި ނަފުރަތެއްގެ ސަބަބުން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އެ މިސްކިތުގެ އިމާމު ތާހާ ހަސަން ވިދާޅުވީ، މިސްކިތަކަށް ވަދެ ބަޔަކަށް ހަމަލާދީ މަރާލުމަކީ އިންތިހާއަށް ހިތާމަވެރި ކަމެއް ކަމަށެވެ. ”މިސްކިތަކީ ހަނގުރާމައިގެ މައިދާނެއް ނޫން، އެއީ މީސްތަކުން އަޅުކަން ކުރަން ޖަމާވާ ތަނެއް،“ އިމާމު ވިދާޅުވިއެވެ.
އިމާމު އިތުރަށް ވިދާޅުވި ގޮތުގައި އެ މިސްކިތަކީ އަބަދުވެސް މުސްލިމުންގެ އިތުރުން މުސްލިމުން ނޫން މީހުންނަށްވެސް މަރުހަބާ ކިޔާ، އެންމެންނަށް ހުޅުވާލެވިފައިވާ ތަނެކެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.



