ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރަށް ބަހުސް ކުރާނެ ވަގުތާއި ޖަވާބުދާރީވާން ދޭނެ ވަގުތު ކަނޑައަޅަން ކޮމިޓީ ބައްދަލުވުން މިއަދަށް ތާވަލުކޮށްފިއެވެ.
ގަރާރާ ގުޅޭ ގޮތުން އާންމު ކޮމިޓީގެ ބައްދަލުވުން ފަށަން ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. އެ ބައްދަލުވުމުގައި އޮންނާނީ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވާނެ މެންބަރުންގެ އަދަދާއި ވާހަކަ ދައްކަވަން މެމްބަރުންނަށް ދެއްވާނެ ވަގުތާއި ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް ފުރުސަތު ދެއްވާނެ އަދަދާއި ވަގުތު ކަނޑައެޅުމެވެ.
މެންބަރު ނާޒިމް މަގާމުން ވަކިކުރަން ނިންމީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމަށް ފަހު، ނާޒިމް މަގާމުގެ ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެމްބަރަކު ސޮއި ކުރެއްވިއެވެ.
މީގެއިތުރުން ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެއެވެ.
ގަރާރުގައިވާ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާ ކަން ”ސާފުވާން އޮތަތީ“ އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތް ކޮށްދިނުމުގައި އޭނާ ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވެ އެވެ. އަދި ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ”ނައިބު ރައީސް ހުރަހަކަށް ވެފައިވާ“ ކަމަށް ގަރާރުގައި ބުންޏެވެ.




