އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ޖެޓް ފިއުލުގެ އަގުހެޔޮ ކުރުމުން ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތަކުގެ އަދަދު އިތުރުކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ގެނައުމަށް ޚާއްސަ އިސްކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާވެސް މިހާރު ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް ކުރި މަސައްކަތްތަކުން ހާސިލުކުރި ކާމިޔާބީތަކުގެ ތަފުސީލަށް އަލިއަޅުވައިލައްވަމުން އަމީން ވިދާޅުވީ، ހަނގުރާމަ ފެށުނުއިރު ކޮންމެ ހަފުތާއަކު އެވެރެޖުކޮށް 99 ފުލައިޓު ކެންސަލުވަމުން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ ނިސްބަތް 70އަށް ދަށްކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއީ 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.
”އަޅުގަނޑު ކުރިއެރުމެއް ކަމުގައި ދަންނަވަނީ ކުރިން ހުރި ސްޓޭޖަށް ގެނެވުނު ވާހަކައެއް ނޫން. 90 ވަރަކަށް ފުލައިޓު ކެންސަލްވެގެން ގޮސްފައި އޮތީ ފުރަތަމަ ދުވަސްކޮޅު. ނަމަވެސް މިހާރު ގަލްފުގެ މޭޖާ ކެރިއާތަކުންވެސް އޮޕަރޭޓުކުރަން ފަށައިފި. އެމިރޭޓްސްއިންވެސް އޮޕަރޭޓުކުރަން ފަށައިފި. ގަތަރު އެއާވޭސްކުރަން ފަށައިފި. މޭޖާ ފަސް އެއާލައިނުވެސް ރާެއްޖެއަށް އޮޕަރޭޓުކުރޭ.“ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވިއެވެ.
ހޫނު މޫސުމުގައި ދަތުރުކުރާ ފުލައިޓުތަކުގެ ތާވަލު އެކުލަވާލަމުންދާއިރު، މަތިންދާ ބޯޓުތައް އޮޕަރޭޓު ކުރާ މިންވަރަށް ބަލާއިރު ރާއްޖެއަށް ގެންނަ ފަސިންޖަރުންގެ އަދަދު ނިމުނު އަހަރަށްވުރެ ދެ އިންސައްތަ އިތުރުކުރެވިފައިވާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.



