ވ. އަތޮޅުގެ ކަނޑުގެ އަޑީގެ ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީވިލާތުގެ ފަސް ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އިޓަލީގެ ޕްރޮސެކިއުޓަރުން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.
މި ހާދިސާގައި ޖުމްލަ ފަސް މީހުން މަރުވިއިރު އޭގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު މިހާރު ވަނީ ނަގައިފައެވެ. އަދި ބާކީ ދެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުންނާއެކު މިއަދު ކުރިއަށްދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ހޮހޮޅައަކަށް ފީނުމުގެ ތެރޭގައި ހިނގި މި ހާދިސާއަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގާފައިވާ އެންމެ ހިތާމަވެރި އެއް ޑައިވިން ހާދިސާއެވެ.
މި ދަތުރުގައި ޑައިވަރުން އުޅުނު ސަފާރީ ބޯޓު ކަމަށްވާ ”ޑިއުކް އޮފް ޔޯކް“ ގެ އޮޕަރޭޓިން ލައިސަންސް މިހާރު ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ.
ދިވެހި ފުލުހުން ކުރިއަށްގެންދާ ތަހުގީގުގެ އިތުރުން، އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ އިހުމާލަކުން މީހަކު މަރުވިތޯ ބެލުމަށް، މި ހާދިސާ ތަހުގީގުކުރަން ފަށާފައެވެ. އިޓަލީގެ ނޫސް އެޖެންސީ އަންސާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަހުގީގު އަމާޒުކުރެވެނީ ވަކި ކާކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) އޭބީސީ ނޫހަށް ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރުގެ ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ މި ދަތުރު އިންތިޒާމުކުރި ފަރާތްތަކުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، ބޭނުންވާ ރޭވުންތެރިކަން ހުރިތޯ ބެލުމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަށިގަނޑުތައް ނެގުމުގެ މަސައްކަތުން ތަހުގީގަށް ގިނަ މައުލޫމާތުތަކެއް ހާމަވެގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ހޮހަޅައަށް ފީނުމަކީ އޭގެ ޒާތުގައިވެސް ވަރަށް ނުރައްކާތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖެނޯއާ ޔުނިވާސިޓީގެ މެރިން ރިސާޗާ އަދި އެސޯސިއޭޓް ޕްރޮފެސާ މޮނިކާ މޮންޓެފަލްކޯނޭ އިސްކޮށް ހުރެގެން ކުރިއަށްގެންދިޔަ މި ދަތުރަށް ހުއްދަ ދޫކޮށްފައިވީ ނަމަވެސް، ހުށަހެޅި ރިސާޗް ޕްރޮޕޯސަލްގައި ބައެއް މައުލޫމާތު މަދުކަމަށް މުންދު ވިދާޅުވިއެވެ. އަދި އެ މީހުން ފީނަން ދިޔަ ސީދާ ސަރަހައްދު ސަރުކާރަށް އެނގިފައިނުވާ ކަމަށާއި، މަރުވި މީހުންގެ ތެރެއިން ދެ މީހަކު އިންތިޒާމުކުރި ފަރާތުން ހުށަހެޅި ލިސްޓުގައި ނެތްކަންވެސް އޭނާ ހާމަކުރެއްވިއެވެ.
މި ސަރަހައްދުގެ ފުންމިނާއި، އޮއިވަރު ހުރި ގޮތުން މިއީ ވަރަށް ގޮންޖެހުން ބޮޑު ދަތުރެއްކަމަށާއި، ހޮހަޅައިގެ އެތެރޭގައި އެއްވެސް ވަރަކަށް ތަންތަން ނުފެންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.
މި ޑައިވަރުން ގެއްލިފައިވަނީ މި މަހުގެ 14 ވީ ބުރާސްފަތި ދުވަހުއެވެ. އެ މީހުން ހޯދަން އުޅުމުގެ ތެރޭގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޑައިވަރެއް ކަމަށްވާ މުހައްމަދު މަހުދީ ވަނީ 16 ވަނަ ދުވަހު ޑީކޮމްޕްރެޝަން ބަލީގެ ސަބަބުން ނިޔާވެފައެވެ.



