ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ، އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ޖަލަށްލާން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ގއ.ގެމަނަފުށި، ރަންކޮކާގެ / ނަދީފް މުހައްމަދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އާންމު ތަނެއްގައި ހުރި މީހަކު އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރުހީވާނެކަން އެނގިހުރެ ޖާއިޒު މަޤްސަދު ހާސިލު ނުވާނެ އަމަލަކުން މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ.
ނަދީފް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން އެއްވެސް ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހިނގި މި ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ހަފްތާގައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ނަދީފް ވަނީ ދިރާގު ފިހާރައަށް ވަދެ، އޭނާއަކީ އައިސިސް މީހެއް ކަމަށް ބުނެ، ބޮން ގޮއްވުން ފަދަ ކަންކަން ކުރާ ކަމަށް ބުނެ އިންޒާރު ދީފައެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ މި ދައުވާ ނަދީފް މުހައްމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 1 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިމަހުގެ 14 ވަނަ ދުވަހު ހުކުމްކުރައްވާފައެވެ. އަދި މި މައްސަލައިގެ ބަންދުގައި ނަދީފް ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހޭ އަދަބަކީ 1 މަހާއި 13 ދުވަށް ކަމަށް ކަނޑައެޅުއްވިއެވެ.
ފުލުހުންގެ ރެކޯޑްތަކުން އެގޭ ގޮތުގައި ނަދީފަކީ، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މި ފަހުން ހައްޔަރު ކުރި މީހެކެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އޭގެ އިތުރުން، މީހެއްގެ ބޭންކް އެކައުންޓެއް ހެކުކޮށް ގިނަ އަދަދަކަށް ފައިސާ ނެގި މައްސަލައެއްގައި ވެސް ނަދީފު މި އަހަރު ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.


