ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީ ޑައިވަރުންގެ ތެރެއިން ބާކީ ތިބި ދެ މީހުންގެ ހަށިގަނޑުތައް ވެސް މިއަދު ނަގައިފިއެވެ.
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިމަހުގެ 14 ވީ ބުރާސްފަތި ދުވަހު އެވެ. އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
މި ހާދިސާގައި މަރުވެފައިވަނީ:
° މޮނިކާ މޮންޓެފަލްކޯން (51އ.)، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް
° ޖޯޖިއާ ސޮމާކަލް (20އ.)، މޮނިކާގެ އަންހެން ދަރިފުޅު އަދި އެ ޔުނިވަސިޓީގެ ދަރިވަރެއް
° މިއުރިއަލް އޮޑެނީނޯ (31އ.)، ޔުނިވަސިޓީގެ ދިރާސާވެރިއެއް
° ފެޑެރިކޯ ގުއަލްޓިއޭރީ (31އ.)، ޔުނިވަސިޓީގެ ދިރާސާވެރިއެއް
° ގިއަންލޫކާ ބެނެޑެޓީ (41އ.)، ޑައިވިން އިންސްޓްރަކްޓަރު
ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު އެވެ. އޭނާ ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްގެ ތެރެއިންނެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ޑައިވް ޓީމުން އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވީނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާއެކު އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީ އެވެ.
މި އޮޕަރޭޝަން އަލުން ފެށީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގަ އެވެ. އަދި ކުރެވުނު މަސައްކަތުން ގެއްލުނު މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކޮށް، ދެ މީހެއްގެ ހަށިގަނޑު އިއްޔެ ނަގާފައި ވެއެވެ. މިއަދު ބާކީ ތިބި ދެ މީހުންގެ ހަށިގަނޑުވެސް ވަނީ ނަގާފަ އެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން އަންނަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.



