ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިއްސަށް (މީސަލްސް) އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.
އެންމެ ފުރަތަމަ މިދިޔަ ހަފުތާގެ ތެރޭގައި މާލޭ ސަރަޙައްދުން ދެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި އަނެއްކާ ވެސް މިވަނީ އިތުރު ދެ ކޭސްއެއް ފެނިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމުލަ ހަތް ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މި ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނޭކަން ފާހަގަކުރެވެއެވެ. މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަދި އަވައްޓެރި ގައުމުތަކުގައި ވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެކެވެ.
ސިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. އެއަށް ފަހު 2017ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖެއިން ފެނިފައިވެއެވެ.




