ޕާކިސްތާނުގެ ޒުވާން ޓިކްޓޮކް ތަރި ސަނާ ޔޫސުފް މަރާލި މައްސަލައިގައި ކުށް ސާބިތުވި މީހާއަށް މަރުގެ ހުކުމް އިސްލާމްއާބާދުގެ ކޯޓަކުން މިއަދު އިއްވައިފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު ސަނާ މަރާލާފައިވާ އިރު، އޭރު ސަނާގެ އުމުރުން އެންމެ 17 އަހަރެވެ. އޭނާ ސަނާ މަރާލީ އިސްލާމްއާބާދަށް ދަތުރުކޮށް، ސަނާ ދިރިއުޅޭ ގެއަށް ވަދެ ބަޑިން ހަމަލާދީއެވެ.
މި މައްސަލައިގައި އުމަރު ކުށަށް އިއުތިރާފުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ އިއުތިރާފުވަމުން ބުނެފައިވަނީ ސަނާ މަރާލީ އޭނާ ސަނާއާ ބައްދަލުކުރަން އެތައް ފަހަރަކު އެދުމުންވެސް އެކަމަށް އިންކާރު ކުރުމުން އުފެދުނު ނަފުރަތެއްގެ ސަބަބުން ކަމަށެވެ.
އިސްލާމްއާބާދުގެ ކޯޓުން އުމަރުގެ މައްޗަށް މަރުގެ ހުކުމް އިއްވުމުގެ އިތުރުން، ސަނާގެ އާއިލާއަށް ބަދަލުގެ ގޮތުގައި 2.5 މިލިއަން ރުޕީސް (ގާތްގަނޑަކަށް 9,000 ޑޮލަރު) ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ.



