ރާއްޖޭގެ ކަނޑުމަހުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކުރިއަށް އޮތް ދެ އަހަރަށް ސަސްޕެންޑް ކުރަން އިނގިރޭސި ސަރުކާރުން ނިންމުމާ ގުޅިގެން، ހެޔޮ އަގުގައި ދިވެހި ކޮލިޓީ މަސް ލިބޭނެ މަގުފަހިވާ ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކް ލޯ މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 20 ޕަސެންޓް ނަގަމުންދާތީ މަހުގެ އަގު ދަށްވުމުގެ ޝަކުވާ ދިވެހި މަސްވެރިން ކުރަމުންދާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އިނގިރޭސިން 2020 ވަނަ އަހަރު ވަކިވުމާ ގުޅިގެން، ދިވެހި މަހުން ނަގާ ޑިއުޓީ ކަނޑާލަން އެކި ފަންތީގައި ކުރި މަޝްވަރާތަކުން ވެސް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.
ނަމަވެސް، އިނގިރޭސި ވިލާތުގެ ނިންމުން މި ވަގުތަށް ބަދަލުކޮށް، ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ސަސްޕެންޑްކުރަން އިއްޔެ ކަނޑައެޅީ 2028 ވަނަ އަހަރާ ހަމައަށެވެ.
އެކަމާ ގުޅިގެން، އިނގިރޭސި ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސި ސަރުކާރުގެ މި ނިންމުމަކީ، ދިވެހި މަސްވެރިންގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި ކުރާ ދެމެހެއްޓެނެވި މަސްވެރިކަމުން ބޭރުކުރާ ކޮލިޓީ ދިވެހި މަހުގެ މާކެޓު އިނގިރޭސި ވިލާތަށް ހުޅުވި، ހެޔޮ އަގުގައި އެ ގައުމުގެ ރައްޔިތުންނަށް ދިވެހި މަސް ލިބޭނެ މަގުފަހިވެއްޖެކަން ސަފީރު ފާހަގަކުރެއްވިއެވެ.



