ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުން އިސްޙާގު ހުސައިން މިއަދު އިސްތިއުފާ ދެއްވަފައިފިއެވެ.
އެ މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މި ހަފްތާގައި ހުށަހެޅުއްވިކަން އިސްޙާގު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
ނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުން އަމިއްލަ ސަބަބަކާ ގުޅިގެން ކަމުގައި ވިދާޅުވިއެވެ.
އިސްހާގު އެ މަގާމަށް އައްޔަނުކުރީ އޭޕްރީލް 15، 2024 ގައެވެ.
އިސްހާގުގެ އިތުރަށް އެ ޓްރައިބިއުނަލްގައި ނައިބު ރައީސަކާއި ހަތަރު މެންބަރުން ތިއްބަވައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަކީ ވަޒީފާއާ ބެހޭ އެކިއެކި މައްސަލަތަކުގައި ވަރަށް ގިނަ އަދަދެއްގެ މަސައްކަތްތެރީން މައްސަލަ ހުށަހަޅާ އިދާރާއެކެވެ.
އެ އިދާރާގެ ބޭނުމަކީ ވަޒީފާގެ މާހައުލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާ ބެހޭ ގާނޫނާއި އެހެން ވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާ ވެސް އަވަހަށް ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.




