އަވަސް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކަށް، އަވަސް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލާފައިވާ ކަމަށެވެ.
އެގޮތުން ހޯދަމުން ދަނީ ލ. މާބައިދޫ، ޝަބްނަމް ހައުސް / ހުސެއިން ޝަހްބާން އެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ކަމުގައި ކަރެކްޝަންސްއިން ބުނެފައިވެއެވެ.
ފުލުހުން މަައުލޫމާތު ދީފައިވާ ގޮތުގައި، ޝަހްބާން ފިލި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ކަރެކްޝަންސްއިން ބުނީ، މި މައްސަލައާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ޕޮލިހުންގެ 3322111 ނަންބަރު ފޯނަށް ގުޅައި، މައުލޫމާތު ހިއްސާ ކުރުމަށެވެ.
ފިލައިގެން ހޯދަމުންދާ ޝަހުބާން އަކީ، ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގެއެއްގައި މިދިޔަ މާރިޗް މަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި މީހާއެވެ.
ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި މިދިޔަ މާރިޗް މަހުގެ 18 ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން އެގެއަށް މީހަކު ވަން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެ ގެއަކީ މީހުން ދިިރިނޫޅޭ، ކަރަންޓު ވެސް ނުހުންނަ ގެއެކެވެ.



