މި ސަރުކާރުން ރައްޔިތުންނަށް ގޯތި ދޭނީ ބިން ހިއްކާފައި ކަމަށާއި އެއީ އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
މި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ބިން ހިއްކާފައި ގޯތި ދިނުން ކަމަށާއި ކުރީ ސަރުކާރުން ބިން ހިއްކުނުތޯ ބަލާފައިނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވިއިރުގައި، މިއަހަރު ކުރާނީ ކޮންކޮން ކަންތައްތަކެއްކަން އެމަނިކުފާނު ހާމަ ކުރައްވާފައިވާނެ ކަމަށެވެ. އަދި އެކަންކަން ކުރިއަށްދާ ގޮތް ކޮންމެ ދުވަހަކުވެސް ކަމާގުޅުންހުރި ފަރާތްތަކާއެކުގައި ރައީސް އޮފީހުގައި ބައްދަލުކުރައްވާ، އެކަންކަން ބައްލަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
”އެއްކަމަކަށް އަޅުގަނޑު ނިންމޭތޯ ބެލީ މިދިޔަ ސަރުކާރުން ފައްޓާފައި ހުރި މަޝްރޫޢުތައް. އެގޮތުން ގޯތި ދީފައިހުރި ފަރާތްތަކުގެ ތެރެއިން، ގޯތި ހަވާލު ނުކުރެވި ހުރި ފަރާތްތަކަށް ގޯތިތައް ހަވާލުކުރަން އަޅުގަނޑު ވައުދުވީން. އަދި އެމީހަކަށް ލިބިފައިހުރި ގޯއްޗާއި ފްލެޓުވެސް އަތުނުލާނެކަމަށް ވެސް ވައުދުވީން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ގޯތި ދީފައި ހުރީ ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ކަމަށާއި ހުޅުމާލޭގެ ފޭސް 2 އިން ދީފައިހުރި ގޯތިތައް މިހާރު ވާނީ ހަވާލުކުރެވިފައި ނުވަތަ ހަވާލުވާން ފުރުސަތު ދީފައި ކަމަށެވެ.
ހުޅުމާލެ ފޭސް 3 އެއިރު ނުހިއްކާ އޮތްނަމަވެސް މިހާރު ހިއްކާފައިވާނެކަން ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ. އަދި އެތަނިގެ ރެޖިސްޓްރީ ވެސް ދީފައިވާނެ ކަމަށާއި ހުޅުމާލެ ފޭސް 3 އާއި ގުޅީފަޅުން ބިން ހަވާލުކުރަން ފަށާފައިވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ގިރާވަރުފަޅު ވެސް ހިއްކުމުގެ މަޝްރޫޢު އަދިވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.



