ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްފަހު، އެނބުރި އައިސްވެސް ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
”ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ވަނީ ޙައްޖުގެ އަޅުކަމަކީ އިންސާނާގެ މުޅި ދިރިއުޅުމަށް ލިބޭ ވަރުގަދަ ތަމްރީނެއްކަން ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނިގޮތުގައި ޙައްޖުގެ އަޅުކަމުން ކަށަވަރުވާ އެއް ހަގީގަތަކީ، މިއީ އިންސާނާގެ ދުނިޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއް ކަމެވެ. އިޙުރާމް ބަންނަ ހިނދުން ފެށިގެން މަނާސިކުތައް ނިމެންދެން ޙައްޖުވެރިޔާ އަމަލުކުރާ ގޮތަކީ، އިންސާނާ އޭނާގެ ހަޔާތުގެ ދުވަސްތައް ވޭތިކުރާ ގޮތުގެ ނަމޫނާއެކެވެ. ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އުފަލެއްކަން ހަނދާންކޮށްދެމުން، ދެމިހުންނަނިވި އާޚިރަތުގެ އުފާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ޙައްޖުވެރިން ޙައްޖުގެ މޫސުމުގައި ރޭގަނޑާއި ދުވާލު އަޅުކަމުގައި މަޝްޣޫލުވެ، ޠަވާފުކުރުމާއި، ޒިކުރުކުރުމާއި، ނަމާދުތަކުގައި ހީވާގިވާ ފަދައިން، ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުންވެސް އަޅުކަމުގައި ފަރުވާތެރިވުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. ޙައްޖުގެ ތެރޭގައި އުރެދުންތަކާއި އަރާރުންވުންތަކުން ދުރުހެލިވުމަށް އަންގަވާފައިވާ ފަދައިން، އާންމު ދިރިއުޅުމުގައިވެސް މާތް ﷲ މަނާކުރެއްވި ކަންތައްތަކާ ދުރުހެލިވެ، ތަޤުވާވެރިކަން އިސްކުރުމަކީ އެންމެ މޮޅު ކޮއްތު ކަމުގައި ހުތުބާގައި ބަޔާންކުރިއެވެ.
ޙައްޖުގެ ބުރަ މަސައްކަތްތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ޖިމާޢުވުމެއް އަދި އުރެދުމެއް ނެތި ﷲ އަށްޓަކައި ޙައްޖުވެއްޖެ މީހާ އެނބުރި އަންނާނީ މައިމީހާގެ ބަނޑުން އުފަންވީ ދުވަސް ފަދަ ސާފު މީހެއްގެ ގޮތުގައި ކަމަށެވެ.
ހުތުބާގައި ބުނިގޮތުގައި، ރަސޫލާގެ ހަދީޘްފުޅެއްގެ މާނާގައިވެއެވެ. ”މަބުރޫރު ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ.“ އެހެންކަމުން ޙައްޖަށްފަހުވެސް ފާފަތަކަށް އަރައިނުގަތުމަށް އަޒުމް ކަނޑައަޅައި، ރަޙިމުގެ ގުޅުމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ހުތުބާގައި އިލްތިމާސްކުރިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އަންނަ އަޟުޙާ ޢީދުގެ މުނާސަބަތުގައި، މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި އެކުވެރިކަމާއި ލޯބީގެ ޝުޢޫރުތައް ފާޅުކުރުމަށް ހުތުބާގައި ގޮވާލިއެވެ.
ރުޅިވެރިކަމާއި ޙަސަދަވެރިކަން ދޫކޮށް، އިސްލާމީ އުސޫލުތަކުގެ ތެރެއިން ޢީދުގެ އުފާ ފާޅުކުރުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.




