ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކޮށް، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ގެނައި ބަދަލާ ގުޅިގެން، ރަނގަޅު ނަތީޖާތަކެއް ފެންނަން ފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނެގި ހިޔާލު ހޯދުމުގެ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު ފަހު، ރައީސް އަންގަވަޑައިގެން، 8 މިނިސްޓަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ، 4 މިނިސްޓްރީއެއް އެއްކޮށްލައްވައި އާ މިނިސްޓަރުން އައްޔަން ކުރައްވާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެ އިންތިހާބުން، ބަދަލުތަކެއް ގެންނަން ޖެހޭކަން ބުނެދޭ ކަމަށާއި ގޯސްކޮށް ސިޔާސަތުތަކެއް ތަންފީޒު ކުރެވުމުން، އެކަންކަން ރަނގަޅު ކުރުމަކީ އެ މަނިކުފާނު ފަސްޖެހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ނަތީޖާއިން އެނގުނީ، ސަރުކާރު ކުޑަކޮށް، އަލުން އެކުލަވާލައި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އެހެންވެ، ވަގުތުން ފިޔަވަޅު އަޅަން ނިންމީ ކަމަށް ވިދާޅުވިއެވެ.
”ކެބިނެޓަށް ގެނައި ބަދަލާ އެކު، ބައެއް މިނިސްޓްރީތަކުގެ ފެންވަރު ރަނގަޅު ކުރެވިއްޖެ. މީގެ މާނައެއް ނޫން ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާ އެކު މަސައްކަތް ނުކުރީއޭ. އެކަމަކު އެއަށް ވުރެ މަސައްކަތްތައް ރަނގަޅު ކުރަން ވެގެން ބަދަލު ގެނައީ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތް ވެސް ބަލަމުންދާއިރު، އެ ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ފެންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ނަތީޖާ ރަނގަޅު ވަމުންދާނެ ކަމަށެވެ.




