މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން އެކި ހިސާބުތަކަށް މަޑުމަޑުން ކަރަންޓު ދޫކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މުޅި މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:00 އެހާކަންހާއިރެވެ.
އޭގެ ގަޑިއެއްހާއިރު ފަހުން ސްޓެލްކޯއިން ބުނީ، ހުޅުމާލެއާއި މާލޭގެ އިންޖީނުތައް ހިންގަމުން، އެކި ހިސާބުތަކަށް ކަރަންޓު ދެމުން އަންނަ ކަމަށެވެ. ނަމަވެސް، އަދިވެސް ބޮޑު ބަޔަކަށް ކަރަންޓު ނުލިބޭކަން ފާހަގަކޮށްލެވެއެވެ.
ބައެއް ހިސާބުތަކަށް މިހާރު ކަރަންޓު ދޫކުރަން ފެށި ނަމަވެސް، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު އަދި ސްޓެލްކޯއިން ހާމަކޮށްފައެއް ނުވެއެވެ.
ސްޓެލްކޯއިން 12:30 އެހާކަންހާއިރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. މައްސަލަ ދެނެގަނެ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެއްވެސް ތަފުސީލެއް ހިއްސާއެއް ނުކުރެއެވެ.
ސްޓެލްކޯއިން މިއަދު ވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަސައްކަތް، މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވުނުކަން އިއުލާނުކޮށްފައެވެ.




