މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑުނު މައްސަލައިގައި ކުރި މަސައްކަތުން މިހާރު ހުޅުމާލެއަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މާލެއާއި ހުޅުމާލެ ހިމެނޭހެން މި ސަރަހައްދުން ކަރަންޓު ކެނޑުނީ، މިއަދު 12:00ހާއިރެވެ. އެ މައްސަލަ ދިމާވީ، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހުޅުމާލޭގެ 50 މެގަވޯޓްގެ އިންޖީނުގެ ގޭގެ އަޕްގްރޭޑަށް ފަހު ކަމުގައިވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ކަރަންޓު ކެނޑުނުތާ ގަޑިއިރެއްހާއިރު ފަހުން ސްޓެލްކޯއިން ވަނީ، ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
މި ކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ސްޓެލްކޯއިން ބުނީ، މި ސަރަހައްދުން ކަރަންޓު ކެނޑުނީ، ހުޅުމާލޭގެ އިންޖީނު ގޭގެ އަބްގްރޭޑަށް ފަހު ދިމާވި މައްސަލައަކާ ގުޅިގެން ޖަނަރޭޓަރުތައް ހުއްޓުމުން ކަމަށެވެ.
ސްޓެލްކޯއިން ދާދިދެންމެއަކު ބުނީ ހުޅުމާލެއަށް ކަރަންޓު ދޫކުރާ ޖެނެރޭޓަރުތައް އެނަޖައިޒްކޮށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. ނަމަވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޗް 3 ވަނަ ޓަވަރަށް އަދިވެސް ކަރަންޓު ނުލިބޭކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސްޓެލްކޯއިން ރޭ ވަނީ، ހުޅުމާލޭގެ އިންޖީނު ގޭގެ އަޕްގްރޭޑިން މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ކުރީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ކަމަށް އެކުންފުނިން ބުނެއެވެ.
ނަމަވެސް، މިއަދު ކުއްލިއަކަށް ކަރަންޓު ކެނޑިފައިވާތީ، އެ ކުންފުންޏަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.




