ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި ”ގްލޯބަލް ޞުމޫދް ފްލޮޓިއްލާ“ (ޖީއެސްއެފް) ގެ އުޅަނދުތަކުން ހައްޔަރުކުރި އެކްޓިވިސްޓުންނަށް ޔަހޫދީ ސިފައިން ޖިސްމާނީ އަދި ޖިންސީ އަނިޔާކޮށްފައިވާ ކަމަށް އެ ހަރަކާތުން ތުހުމަތުކޮށްފިއެވެ.
ތުރުކީވިލާތުން ފުރައިގެން ދަތުރުކުރި 50 އުޅަނދުގައި ތިބި 430 އެއްހާ މީހުން ޔަހޫދީ ސިފައިން ހައްޔަރުކޮށްފައި ވަނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުއެވެ.
ޖީއެސްއެފުން ހާމަކުރި ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންނަށް ޔަހޫދީ ސިފައިން ވަނީ ރޭޕްގެ ޝިކާރައަކަށް ހަދާފައެވެ. މި ހާދިސާއާ ގުޅިގެން ޔަހޫދީންގެ ހައްދުފަހަނައެޅި ވަޒީރަކު އެ މީހުންނަށް ފުރައްސާރަކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު، ބައިނަލްއަޤުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އެކުވެރި ދައުލަތްތަކުގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވަނީ މި ރިޕޯޓުތަކާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޖީއެސްއެފުން ބުނީ، ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން 15 މީހަކަށް ޖިންސީ ގޯނާކޮށްފައިވާ ކަން ރެކޯޑުކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާކޮށްފައި ވަނީ ގޮޅިތަކެއް ހަދާފައިވާ އުޅަނދެއްގެ ތެރޭގައި ކަމަށާއި، 12 މީހަކަށް ޖިންސީ ގޯނާކޮށް މަޖުބޫރުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ވެސް އެ ހަރަކާތުން ތުހުމަތުކުރެއެވެ.
ނަމަވެސް، ޔަހޫދީންގެ ޖަލުތަކާ ބެހޭ އިދާރާއިން ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.
މި މައްސަލައިގައި ވިލާތުގެ އެކި ޤައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިޓަލީވިލާތުން ބުނީ އެ ޤައުމުގެ ރައްޔިތުންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ޖަރުމަނުވިލާތުން ވެސް ވަނީ އެ ޤައުމުގެ މިނިވަންކުރި ބައެއް ރައްޔިތުންނަށް ޔަހޫދީ ސިފައިން އަނިޔާކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، ފަރަންސޭސިވިލާތުގެ މަސްދަރުތަކުން ބުނާ ގޮތުގައި ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި އަނިޔާވި އެ ޤައުމުގެ ފަސް ރައްޔިތަކަށް މިހާރު ދަނީ އިސްތަންބޫލުގެ ހަސްފަތާލެއްގައި ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މިކަން މިނިވަންކަމާއެކު ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ.




