ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފޭބި އިޓަލީގެ ފަސް ޑައިވަރުން ބޭނުންކުރީ އެފަދަ ތަނަކަށް ފީނުމަށް އެކަށީގެންވާ އާލާތްތަކެއް ނޫން ކަމަށާއި އެ މީހުން ގައިޑް ރޯޕް ވެސް ގެންގުޅެފައި ނުވާ ކަމަށް އެ ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތްކުރި ޑޭން ޔޫރަޕްގެ ޑައިވަރަކު ހާމަކޮށްފިއެވެ.
ފިންލޭންޑުގެ ޑައިވަރެއްކަމަށްވާ ސާމީ ޕަކަރިނެން އިޓަލީގެ ލަ ރިޕަބްލިކާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ހަށިތައް ފެނުނީ ހޮހޮޅައިގެ އެއް ދިމާލަކުން ކަމަށާއި އެއީ ވަރަށް ފުން ހިސާބެއް ކަމަށެވެ.
ސާމީ ކިޔައިދިން ގޮތުގައި ޑައިވަރުން މަރުވީ ”ހިއުމަން އެރަރ“ އަކުން ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް އެ ހާދިސާގައި އަސްލު ކަންވީގޮތް ނިންމާނީ ތަހުގީގު ޓީމުން ކަމަށެވެ.
މީގެއިތުރުން އޭނާ ބުނީ އެފަދަ ނުރައްކާތެރި ފުން ހޮހޮޅައަކަށް ވަނަންއިރު ބޭނުންކުރާ އެކަށީގެންވާ ސަލާމަތީ އާލާތްތަކާއި ނުލައި ވަދެފައި ވަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
އާންމުކޮށް އެފަދަ ހަނި އަދި ފުން ހޮހޮޅަތަކަށް ވަންނައިރު މަގު ދައްކައިދިނުމަށް ބޭނުންކުރާ ”ގައިޑް ރޯޕް“ ނުވަތަ ”ޑައިވިން ރީލް“ ބޭނުންކުރަންޖެހޭނެ ކަމަށާއި ނަމަވެސް އެ ހޮހޮޅައަށް ވަދެގެން އުޅެނިކޮށް މަރުވި އިޓަލީ މީހުން އެ ބޭނުންކޮށްފައި ނެތް ކަމަށް އޭނާ ބުންޏެވެ.
”ހޮހަޅަތަކަށް ފީނާ މީހުންނަށް އެނގޭނެ ގައިޑް ރޯޕެއް ނެތި އެފަދަ ތަންތަނަށް ވަނުމަކީ ބުއްދިވެރި ކަމެއް ނޫންކަން. ހިތާމައަކީ، އެފަދަ ހޮހަޅަތަކުގައި ހިނގާ ގިނަ ހާދިސާތަކުގެ އަސްލަކީ އަމިއްލައަށް ހެދޭ ގޯސްތައް ކަމަށްވުން“ އޭނާ ބުނެފައިވެއެވެ.
އުމުރުން 52 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން 31 އަހަރުގެ މުރިއެލް އޮޑެނީނޯ އާއި 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީގެ ހަށިގަނޑު ހޯމަ ދުވަހު ފެނިފައިވަނީ ހޮހަޅަތަކުގެ ތިންވަނަ އަދި އެންމެ ފަހު ބައިގެ ދޮރުމަތިން، ގާތްގަނޑަކަށް 165 ފޫޓު (50 މީޓަރު) އަޑިންނެވެ. އޭގެ ތެރެއިން ދެ މީހުން ބުދަ ދުވަހު އަނެއް ދެ މީހުން ބުރާސްފަތި ދުވަހު ވަނީ ނަގާފައެވެ.
އެމީހުންގެ އިޓަލީ ޑައިވިން އިންސްޓްރަކްޓަރު، އުމުރުން 44 އަހަރުގެ ޖިއާންލޫކާ ބެނެޑެޓީގެ ހަށިގަނޑު ފެނިފައިވަނީ އެ ހޮހަޅައިގެ ހަމަ އެ ބައިގެ ދޮރު ކައިރިން، އެ ހާދިސާ ހިނގި މި މަހުގެ 14 ވަނަ ދުވަހުއެވެ.
އެ މީހުންގެ ހަށިތައް މިހާރު އެ ގައުމަށް ގެންގޮސްފައި ވާއިރު އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންގެ ޕޯސްޓްމޯޓަމް ހަދާނެއެވެ.



