ދައުލަތުގެ ތިން ބާރުގެ އިސް ވެރިން ފިޔަވައި، އެންމެ ބޮޑު އުޖޫރައެއް ކަނޑައެޅިފައި އޮންނަންޖެހޭނީ ޓީޗަރުންނާއި ނަރުހުންނަށް ކަމަށް ކުރީގެ ވިމެންސް އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
ރާޝިދާ އެހެން ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ރައީސުންގެ މުސާރަ ނޭޝަނަލް ޕޭ ކޮމިޝަނުން ބޮޑުކުރުމާ ގުޅިގެން އުފެދުނު ބަހުސްގެ ތެރޭގައެވެ.
ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 41،000ރ. އަދި ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންނަށް 21،000ރ. ދިނުމަށް އެންމެ ފުރަތަމަ ނިންމުމަށް ފަހު މިހާރު ވަނީ ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންނަށް 20،000ރ. އަދި ރަށްރަށުގެ ޑަބްލިޔުޑީސީތަކުގެ ރައީސުންނަށް 15،000ރ. އަށް ކުޑަކޮށްފައެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރާޝިދާ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ވަގުތު، އެންމެ ބުރަ އަދި އެހާމެ ޒިންމާދާރު މަސައްކަތްތަކެއް ކުރަނީ ޓީޗަރުންނާއި ނަރުހުން ކަމަށެވެ.
އެއީ އިންސާނުންގެ ފުރާނައާ ސީދާ ގުޅިފައިވާ، ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ދެ ދާއިރާ ކަމަށާއި އެފަދަ މުހިންމު ހިދުމަތްތަކެއް ދޭ ފަރާތްތަކަށް ޝުކުރުގެ ބަހެއް މަދު ފަހަރަކު ނޫނީ ނުލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.
”މީގެ ތެރެއިން ވެސް ޓީޗަރުންނަކީ ތަފާތު އެތައް މަސްއޫލިއްޔަތުތަކެއް ބޮލުގައި އަޅަންޖެހިފައިވާ ބައެއް. މިއަށްވުރެ ބޮޑު މުސާރައެއް ލިބޭ ބަޔަކު (ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި) މި ގައުމުގައި ތިބެގެން ނުވާނެ،“ ރާޝިދާ ލިޔުއްވާފައިވެއެވެ.
ޑަބްލިއުޑީސީގެ މުސާރަ ފުރަތަމަ ހަމަޖެއްސި ގޮތުން، ޓީޗަރުންގެ އުޖޫރަ އާއި އިނާޔަތްތަކާ މެދު އިހުމާލުވަމުންދާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑުވިއެވެ.




