ކުރިއަށް އޮތް ދެ މަސް ތެރޭ ބޭހުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ގިނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދިއެވެ.
އެކަމަކު، އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ މަހުގެ ތެރޭގައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ”ނޭޝަން ޗެޓް“ ގައި، އެ މައްސަލައަށް އިޝާރަތްކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ އެ ކުންފުނިން ބޭހުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އެއް ފަހަރާ ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެއް ކަމަކަށް އެމަނިކުފާނު ފާހަގަކުރެއްވީ، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމެވެ.
އޭގެއިތުރަށް، ބޭސް ކުންފުނިން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފި ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ބޭހުގެ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
”ވަރަށް ބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފި. ޖޫން ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު، އެ ވާހަކައަށް ބާރުދޭ ވާހަކަތަކެއް ހެލްތު މިނިސްޓަރު ގީލާ އަލީ މިދިޔަ މަހު ފަހުކޮޅު ވަނީ ދައްކަވާފައެވެ.
މިނިސްޓަރު އެއިރު ވިދާޅުވީ، ސިއްޚީ ޚިދުމަތުގައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހިފައިވާ އެއް ދާއިރާއަކީ ރައްޔިތުން ތަހައްމަލްކުރަމުންދާ ބަލިތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން ކަމަށެވެ. އަދި، އުއްމީދަކީ ސަރުކާރުގެ ބޭސް ކުންފުނީގެ ގާބިލްކަން އިތުރުވެ، ރާއްޖެއަށް ބޭނުންވާ ބޭސް ބޭނުންވާ މިންވަރަށް އެތެރެކުރެވުން ކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.



