ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ދިވެހި ހުރިހާ ހާޖީންގެ ހާލު ރަނގުޅުކަމަށާއި ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ މިނާ ޓެންޓުތަކުގައިކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
ރާއްޖެއިން މިއަހަރުވެސް 1000 މީހުން ވަނީ ހައްޖަށް ގޮސްފައެވެ.
ދިވެހި ހައްޖުވެރިން މިނާއަށް ދަތުރު ފެށީ ރޭގެ ވަގުތެއްގައެވެ. ހައްޖު މިޝަނުން ބުނީ މިހާރު ދިވެހި ހުރިހާ ހާޖީން މިނާގެ ޓެންޓަށް ގޮސްފައިވާ ކަމަށެވެ. އަދި ޖުމްލަކޮށް ހުރިހާ ހާޖީންގެވެސް ހާލު ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަނުން ބުނެއެވެ.
މިއަދު ހާޖީން މިނާގައި ތިބުމަށްފަހު މިރޭ އަރަފާތަށް ދަތުރު ފަށާނެއެވެ. އަދި މާދަމާ މެންދުރު ފަހުން ފެށިގެން އިރުއޮއްސެން ދެން ހުރިހާ ހައްޖުވެރިން އަރާފާތުގައި މަޑުކުރާނެއެވެ. އަރާފާތުގައި މަޑުކުރުމަކީ ހައްޖުގެ ރުކުނަކަށްވާއިރު މާދަމާ އިރުއޮއްސުމުގެ ކުރިން އަރާފަތަށް ނުދެވޭ މީހަކަށް ހައްޖެއް ނުލިބޭނެއެވެ.
މާދަމާ ހައްޖުވެރިން އަރަފާތުގައި މަޑުކުރުމަށްފަހު އިރުއޮއްސުމުން އަރާފާތުންް ނުކުމެ މުޒްދަލިފާއަށް ވަދެ މުޒްދަލީފާގައި ރޭކުރާނެއެވެ. އަދި އަލުން އަނބުރާ މިނާއަށް ހައްޖުވެރިން ވަންނާނީ އީދުދުވަހުގެ ފަތިސް ނަމާދަށްފަހުއެވެ. އޭގެ ފަހުން މިނާގައި އާއްމުކޮށް ތިން ރޭ ހައްޖުވެރިން މަޑުކުރުމަށްފަހު މައްކާއަށް އެނބުރި ދާނީ ހައްޖުގެ މަހުގެ 12 އަދި 13 މި ދެ ދުވަހުއެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހައްޖުވެރިން މާލެ އަންނަން ފަށާނީ އަންނަމަހުގެ ފަސް ވަނަދުވަހުއެވެ.
ދިވެހި ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާ ދުވަސްތައް
° ފުރަތަމަ ގްރޫޕް – ޖޫން 5 ގައި / ދަތުރުކުރާނީ ސައުދީ އެއާ އިން
° ދެވަނަ ގްރޫޕް- ޖޫން 7 ގައި / ދަތުރުކުރާނީ މޯލްޑިވިއަން އިން
° ތިންވަނަ ގްރޫޕް – ޖޫން 8 ގައި / ދަތުރުކުރާނީ ސައުދީ އެއާ އިން
° ހަތަރުވަނަ ގްރޫޕް – ޖޫން 9 ގައި / ދަތުރުކުރާނީ މޯލްޑިވިއަން އިން
މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ.



