މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު މަސްކިލޯއެއް ގަންނާނީ 16 ރުފިޔާއަށް ވުރެ ބޮޑުކޮށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދުގެ ކެމްޕެއިން އިފުތިތާހުކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މަސްވެރި ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވެރިކަމަށް ދެ އަހަރާ ބައިވީއިރު ފެނިގެންދަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ކަމަށެވެ.
”މިފްކޯއިން މިހާރުވެސް މަސް ގަންނާނީ 17 ރުފިޔާއަށް. މިހާރު 16 ރުފިޔާއެއީ އެންމެ ދަށް އަގުގެ ގޮތުގައި އޮންނާނީ ބައެއް ދުވަސްދުވަހު 18 ރުފިޔާއަށް އަނެއްބައި ދުވަސްދުވަހު 19 ރުފިޔާއަށް މަސް ގަންނާނީ. އަޅުގަނޑު ހަނދާނެއް ނެތް 16 ރުފިޔާއަށް މަސްގަތް ހަނދާނެއް،“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް އެތެރެއިންނާއި ބޭރުން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަމަށާއި، މި ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖެއަށް ބޭރު ފައިސާ ވައްދާ ސިނާއަތަކަށް މަސްވެރިކަމުގެ ސިނާއަތް ވެގެންދިއުންކަމަށް ވެސް ވިދާޅުވި އެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެވެސް ފަސް ބަނދަރަކުން މަސްގަނެފައިވެއެވެ.
އެގޮތުން މިފްކޯއަށް މަސް ގަތް ބަނދަރުތަކަކީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ، ކޫއްޑޫފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ތިނަދޫ ބަނދަރުގެ އިތުރުން ފުވައްމުލައް ބަނދަރެވެ.




