މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން މިދިޔަ އަހަރު ރިޓަޔާކުރެއްވި އިބްރާހިމް މުހައްމަދު ދީދީ އަށް ރިޓަޔާމަންޓް ފައިސާ އާއި އިނަޔާތްތައް ހަތަރު މަސް ދުވަސްވީއިރު ނުދީގެން، އެ ފައިސާ އެކީ އެއްފަހަރާ ދޭން ކަރެކްޝަންސްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ކަރެކްޝަންސްގެ ވަޒީފާ 2006 ވަނަ އަހަރުން ފެށިގެން އަދާކުރަމުން ދިޔަ އިބްރާހިމް މުހައްމަދު ދީދީ އެ ހިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަންކުރީ 2019ގަ އެވެ. ކަރެކްޝަންގައި ހިދުމަތް ކުރައްވާތާ ގާތްގަނޑަކަށް 20 އަށް އަހަރު ވުމާ ގާތްވެފައިވަނިކޮށް، އޭނާ ރިޓަޔާކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ.
އިބްރާހިމް މުހައްމަދު ދީދީ ރިޓަޔާކުރައްވަން ހުށަހެޅުއްވި ހުށަހެޅުން ރައީސް މުހައްމަދު މުއިއްޒު ބަލައިގަނެ އެ ވަޒީފާއިން ރިޓަޔާކުރައްވާފައި ހުންނަތާ ގާތްގަނޑަށް ފަސް މަސް ދުވަސްވާން ކައިރިވެފައިވާއިރު، ރިޓަޔާކުރުމާ ގުޅިގެން ލިބެންޖެހޭ އެއްވެސް ފައިސާއެއް އަދި އިނާޔަތެއް ވެސް ނުލިބިގެން އެ ފައިސާ ހޯދަން ސިވިލް ކޯޓަށް އޭނާ މައްސަލައެއް ހުށަހެޅުއްވީ މިދިޔަ މަހެވެ.
އެގޮތުން އެ މައްސަލައިގައި އޭނާ އެދިފައިވަނީ ރިޓަޔާކުރުމުން ދޭންޖެހޭ ފައިސާ ހެލްތު އިންޝުއުރެންސް ހިމެނޭހެން ކޮމިޝަންްޑް އޮފިސަރުންނަށް ދޭންޖެހޭ އިނާޔަތްތައް މައްސަލަ ނިންމާތާ 14 ދުވަސްތެރޭ ދިނުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އެ މައްސަލާގައި ނިންމާފައި ވަނީ ކުރިއަށް އޮތް 14 ދުވަސްތެރޭ އެ ފައިސާ ދިނުމަށެވެ. އެގޮތުން، ރިޓަޔާކުރުމުން އެކީ އެއްފަހަރާ ދޭންޖެހޭ ފައިސާ އާއި ރިޓަޔާކުރުމާބެހޭ ގަވާއިދުގެ ދަށުން ހަމަޖައްސައިދޭންޖެހޭ ހެލްތު އިންޝުއަރެންސް ވެސް އެ މުއްދަތުގައި ހަމަޖައްސައިދިނުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކުރިއެވެ.
އިބްރާހިމް މުހައްމަދު ދީދީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ، އެއިން އެއްވެސް މިންވަރަކަށް ފައިސާ މިހާތަނަށް ލިބިފައިނުވާތީ ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
މި މައްސަލައިގެ ދިފާއުގައި ކޯޓުގައި ކަރެކްޝަންސް އިން ބުނެފައި ވަނީ، އެ ފައިސާ ފޯރުކޮށްދިނުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި ދެ ފަހަރެއްގެ މަތިން އެދިފައިވާ ކަމަށެވެ. އެ ފައިސާ ފޯރުކޮށްދެވިފައިނުވަނީ އެކަމަށް އެދި ހުށަހެޅި ސިޓީތަކަށް މިހާތަނަށް އެ މިނިސްޓްރީން އެއްވެސް ޖަވާބެއްދީފައިނުވާތީ ކަމަށެވެ.
އެކަމަކު ކޯޓުން ނިންމީ، އެ ފައިސާ ފޯރުކޮށްދިނުމަކީ ގަވާއިދުގެ ދަށުން ކަރެކްޝަނުން ކުރަންޖެހޭ ކަމަކަށްވާތީ، ފިނޭންސް މިނިސްޓްރީގެ މައްޗަށް އެ ދައުވާ ރައްދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ، އެ ފައިސާ އާއި އިނާޔަތްތައް ފޯރުކޮށްދިނުމުގެ ކަންކަން 14 ދުވަސްތެރޭ ހަމަޖައްސަން ކަރެކްޝަންސްގެ މައްޗަށް އަމުރުކުރިއެވެ.




