އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރަސްގެފާނު ޢަބްދުالله ދެވަނަ އިބްނު އަލް ޙުސައިންއަށާއި، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް، ޑރ. ޖައުފަރު ޙަސަންއަށް، ތަހުނިޔާ ފޮނުއްވައިފިއެވެ.
އުރުދުންގެ ރަސްގެފާނަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިޚުލާސްތެރިކަމާއެކު އުރުދުންގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، ދެޤައުމުގެ މެދުގައި އޮތް އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ބޮޑުވަޒީރު ޑރ. ޖައުފަރު ޙަސަންއަށް ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ދުވަހުގެ ތަހުނިޔާ ދަންނަވާފައިވެއެވެ. އަދި، ދެޤައުމުގެ މެދުގައި އޮތް އަޚްވަންތަކަމުގެ ގުޅުމަކީ އެއްބަސްވެވޭ އުޞޫލުތަކާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްްވިއެވެ.
ރައީސް މުޢިއްޒުގެ ސިޓީފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވައިފައެވެ. އެެމެސެޖުގައި، ދެޤައުމުގެ ގުޅުމަކީ ދީނާ، އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ދެމިގެންދާ ގުޅުމެއްކަން ފާހަގަކުރައްވައި، މަޝްވަރާއާއި އެހީތެރިކަމުގެ ތެރެއިން މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ކޮންމެ އަހަރަކުވެސް މެއި މަހުގެ 25 ވަނަ ދުވަސް، އުރުދުންގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ މޭ 23، 1946 ވަނަ އަހަރު އިނގިރޭސިންގެ ޙިމާޔަތުން މިނިވަންކަން ލިބުނުދުވަހާއި ގުޅުވައިގެންނެވެ.



