ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަރަކާތްތެރި ހައްޖު ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ރޭ ފޮނުއްވައިފިއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ހައްޖު ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދަރުމަ އާއި ސަވާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވައިފައެވެ.
މި ބަރަކާތްތެރި ދުވަސް އެމަނިކުފާނު ސިފަކުރެއްވީ، ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.
ހައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދުވެސް ވަނީ ”އެކްސް“ ގައި ޕޯސްޓެއް ހިއްސާ ކުރައްވައިފައެވެ. އެކަމަނާގެ މެސެޖުގައި، ހައްޖުގެ މާތް އަޅުކަން އަދާކުރަމުންދާ ދިވެހި ހައްޖާޖީންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދިވެހި ކޮންމެ އަހަކާއި އުހްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ހައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ފަސްޓްލޭޑީ ވަނީ ދުއާ ކުރައްވައިފައެވެ.
މިއަދަކީ ބަރަކާތްތެރި ހައްޖު ދުވަހަށްވާ އިރު، ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި ހައްޖުވެރީން މިއަދު އަރަފާތު ބިމަށް ޖަމާވާނެއެވެ.
އަދި މެންދުރު ނަމާދާއި އަސުރު ނަމާދު ގަސްރުކޮށް ޖަމްއުކޮށް ކުރުމަށް ފަހު، އިރުއޮއްސުމާ ހަމައަށް ދުއާކުރުމާއި، ގުރުއާން ކިޔެވުމާއި ޒިކުރު ކުރުމުގެ މަތިވެރި އަޅުކަމުގައި ހައްޖުވެރިން ދެމިތިބޭނެއެވެ.




