މިއަދަކީ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހެވެ.
މި ދުވަހާ ގުޅިގެން މިއަދުގެ ޢީދު ޚުތުބާގައި ދިން ނަސޭހަތްތަކުގެ ތެރެއިން ދިން މުހިއްމު އެއް ނަސޭހަތަކީ، ރާއްޖޭގެ އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާ ކިޔައި، ޢީދުގެ އުފަލުގައި އެ އަޚުންނާއި އުޚުތުން ވެސް ބައިވެރިކުރުމަށް ދިން ނަސޭހަތެވެ.
މީގެއިތުރުން، އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާންނައްތައި ނުލުމަށް ޚުތުބާގައި ހަނދުމަ ކޮށްދީފައިވެއެވެ.
ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާން ކުރުމަށާއި، މި މާތް މަތިވެރި ދުވަހުގެ އުފާ އަހަރެމެން ފާޅުކުރާ އިރު، އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށް ނަޞްރާއި ކާމިޔާބުދެއްވާތޯ ދުޢާކުރުމަށް ވެސް ވަނީ ނަސޭހަތްތެރި ވެފައެވެ. އެހެނީ، މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކަމުގައިވާތީއެވެ.
”މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެންމެން، އަންހެނުންނާއި ފިރިހެނުން، މުސްކުޅިންނާއި ކުޑަކުދީން ޖަމާވެ މި ތިބި ބޮޑުޖަމާޢަތަށް ބަލައި ވިސްނާށެވެ! އަދި އެތައް މިލިއަން މުސްލިމުންނެއް ޖަމާވެތިބި މައްކާގެ މަތިވެރިބިމަށް ބަލާށެވެ! ޤިޔާމަތް ދުވަހު މާތް ﷲގެ ދަރުބާރަށް ހާޒިރުވެ މަޙުޝަރުގެ މައިދާނުގައި ކޮޅަށްތިބޭނޭ ދުވަސް މަތީން ހަނދާން ނުވޭ ހެއްޔެވެ؟ އެތައް މިލިއަން މޭލެއްދުރުން މިއަދު އިރު ފެންނަން ހުރިއިރު، މިއަދު މި އިހުސާސްކުރަމުންދާ ހޫނާއި، ޤިޔާމަތް ދުވަހު މަޙުޝަރުގެ މައިދާނުގައި މީސްތަކުންގެ ބޮލާ، ކައިވަތަކަށްވުރެ، އިރު ކައިރިވެފައިވާ ހިނދު މީސްތަކުން ތިބޭނޭ ހާލަތާއި އެ ދުވަހުގެ ބިރުވެރިކަން ހަނދާނަށް ގެންނާށެވެ! މި ޖަމާޢަތުން ވަކިވުމުގެ ކުރީން އެކަކު އަނެކަކަށް މަޢާފުކޮށް ހިތްތައް ސާފުކުރުމާއެކު ސަލާންގަލާންކޮށް ހިނިތުންވާށެވެ! ބޮޑާކަމާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަމާއި ނުނިޔަތްލުން ފަދަ ނޭއްގާނީ ކަންކަން ތިމާގެކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލާށެވެ! އެ މީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެ ނުވަންނާނޭކަމަށް ޞައްޙަ ޙަދީޘްތަކުގައި އައިސްފައި ވެއެވެ.“ ޚުތުބާގައިވެއެވެ.
ޚުތުބާގައި ބުނެފައިވަނީ، ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ އެ ދުވަހު ރައްކާތެރިކަމެއްނެތްކަން ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަމަށެވެ.
اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ




