ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމާ ގުޅޭ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނާ ރިޕޯޓުތައް ދޮގުކުރައްވައި، ޢުމާނަށް ޙަމަލާދޭން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕް މި އިންޒާރު ދެއްވާފައި ވަނީ ހުރްމުޒްގެ ބާރު އީރާނާއި ޢުމާންގެ އަތްމައްޗަށް ދޫކޮށްލުމަށް ވޮޝިންގޓަނުން އެއްބަސްވެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
މޭ 27 ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ބަންދަރު ޢައްބާސްއަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެމެރިކާގެ އަސްކަރީ އޮފިޝަލަކު ހާމަކުރި ގޮތުގައި، މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ އަސްކަރިއްޔާގެ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަންތަކަށެވެ. މީގެ އިތުރުން އީރާނުގެ އަސްކަރީ ހަތަރު ޑްރޯނެއް ވައްޓައިލާފައިވާ ކަމަށް ވެސް އެމެރިކާއިން ބުނެއެވެ.
މި ޙަމަލާތަކަކީ އޭޕްރީލް 8 ވަނަ ދުވަހު ވެފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ޙަމަލާތަކެއް ކަމަށް އީރާނުން ތުހުމަތުކުރެއެވެ.
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދެއް ކަމަށާއި، އެމެރިކާއިން ބޭނުންވާ ގޮތަށް އަމަލުކުރުމަށް ޢުމާނުން ދެކޮޅުހަދާނަމަ ޙަމަލާދީ އެ މީހުން ގޮއްވައިލަން ޖެހިދާނެ ކަމަށެވެ. ޓްރަމްޕް ވަނީ އެ ސަރަޙައްދުން އެމެރިކާ ސިފައިން ބާލަން އެއްބަސްވި ކަމަށް ދެކެވޭ ވާހަކަތައް މުޅިން ދޮގުކުރައްވާފައެވެ.
މިދިޔަ ފެބުރުވަރީ މަހުން ފެށިގެން އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ތިން މަސް ވެފައިވާއިރު، މި ޙަމަލާތަކުގައި އީރާނުގެ އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ.
އީރާނުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ޢަޒީޒީ ވިދާޅުވީ، ވޮޝިންގޓަނުގެ ބިރުދެއްކުންތަކަށް ތެހްރާނުން ފަސްނުޖެހޭނެ ކަމަށެވެ.
މި ހަނގުރާމައިގެ ތެރެއިން ޓްރަމްޕް ގެންދަވަނީ އިބްރާހީމް މުޢާހަދާގައި ސޮއިކޮށް އިސްރާއީލް ބަލައިގަތުމަށް މުސްލިމް ޤައުމުތަކަށް މަޖުބޫރުކުރައްވަމުންނެވެ. ނަމަވެސް ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، ޕާކިސްތާން އަދި ތުރުކީ ފަދަ ޤައުމުތަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
މިހާރުވެސް އީރާނުގެ ބަނދަރުތައް ޙިޞާރުކުރުމަށް 15,000 އެއްހާ އެމެރިކާ ސިފައިން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދެއެވެ.




