ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ އަދި ކަސްޓަމަރުންނަށް ނުރައްކާވެދާނެ ފަދަ ކުޅޭ އެއްޗިއްސާއި އިލެކްޓްރޯނިކްސް ސާމާނު ވިއްކާތީ މަޝްހޫރު އޮންލައިން މާކެޓްޕްލޭސް ”ޓެމޫ” 200 މިލިއަން ޔޫރޯ (232 މިލިއަން ޑޮލަރު)އިން މިއަދު ޖޫރިމަނާކޮށްފިއެވެ.
މި ޖޫރިމަނާ ކަނޑައަޅާފައިވަނީ އީޔޫގެ އެގްޒެކެޓިވް ބޮޑީން، ޑިޖިޓަލް ސާވިސަސް އެކްޓް (ޑީއެސްއޭ)ގެ ދަށުންނެވެ.
ޑީއެސްއޭއަކީ އިންޓަނެޓް ބޭނުންކުރާ ފަރާތްތައް ނުރައްކާތެރި މައުލޫމާތާއި، ސައްހަ ނޫން ނުވަތަ މިންގަނޑަށް ނުފެތޭ މުދަލުން ރައްކާތެރިކުރުމަށްޓަކައި އޮންލައިން ޕްލެޓްފޯމްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މަޖުބޫރުކުރާ ގަވާއިދެކެވެ. މިއީ ޑީއެސްއޭގެ ދަށުން ބްރަސަލްސްއިން މިފަދަ ބޮޑު ޖޫރިމަނާއެއް ކަނޑައެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ އަހަރު ވަނީ އީލޮން މަސްކްގެ ”އެކްސް“ ޕްލެޓްފޯމް ވެސް 120 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ ފަރާތްތަކުން ވަނީ އާންމު ކަސްޓަމަރުންގެ ގޮތުގައި ޓެމޫ އިން މުދާ ގަނެ، ރައްކާތެރިކަމުގެ ޓެސްޓުތައް ހަދާފައެވެ. މިގޮތުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި، ޕްލެޓްފޯމުން ވިއްކި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ޗާޖަރުތަކަކީ އަސާސީ ސަލާމަތީ މިންގަނޑުތަކުން ފެއިލްވެފައިވާ ތަކެތި ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ކުޅޭ އެއްޗެހީގެ ގިނަ އެއްޗެހިތަކަކުންވެސް ކެމިކަލް އެކުލެވޭ މިންވަރު މަތިވުމާއި، ކުދި ބައިތައް ފަސޭހައިން ނެއްޓި، ކުދިންގެ އަރުތެރޭގައި ތާށިވެ ނޭވާ ހާސްވުމުގެ ފުރުސަތު އޮތުމުންނެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ހަރުދަނާ ”އެކްޝަން ޕްލޭން” އެއް ހުށަހެޅުމަށް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ޓެމޫ އަށް މިހާރު ވަނީ މުހުލަތެއް ދީފައެވެ. އަދި މި މުހުލަތުގެ ތެރޭގައި ގަވާއިދުތަކަށް އަމަލުކުރަން ފެށުމަށް ނުކުޅެދިއްޖެ ނަމަ، ކޮންމެ ދުވަހަކު ނުވަތަ މަހަކު އިތުރު ޖޫރިމަނާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އީޔޫ އިން ވަނީ ދީފައެވެ.
މި ނިންމުމާ ގުޅިގެން ޓެމޫ އިން ބުނީ އީޔޫގެ މި ނިންމުން ބަލައިނުގަންނަ ކަމަށާއި، މިއީ އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑު އަދަބެއް ކަމަށް ދެކޭ ކަމަށެވެ.
”މި ޖޫރިމަނާއަކީ 2024 ވަނަ އަހަރު ހިންގި އެންމެ ފުރަތަމަ އިވެލުއޭޝަނަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް، މިއީ މިހާރު ކުންފުނީގެ ސިސްޓަމްތައް ހުރި ހާލަތު ރަމްޒުކޮށްދޭ ކަމެއް ނޫން،“ ޓެމޫ އިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނިގޮތުގައި، މި މަރުހަލާގެ ތެރޭގައި ކޮމިޝަނަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި، ޕްލެޓްފޯމުގެ ބެލެހެއްޓުމާއި ކަސްޓަމަރުންގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ވާނީ އަޅާފައެވެ.
ޓެމޫއަކީ ޗައިނާގެ ޕީޑީޑީ ހޯލްޑިންގްސްގެ ސަބްސިޑިއަރީއެކެވެ. މި އެޕަކީ ހެޔޮ އަގުގައި މުދާ ލިބޭތީ އީޔޫ ސަރަހައްދުގައި އެކަނިވެސް 92 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މަގުބޫލު އެޕެކެވެ.




