ރާއްޖެއަށް ދޮޅު ކިލޯގެ (1.5 ކިލޯގެ) ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި، މިދިޔަ މަހުގެ 17 ވަނަ ދުވަހު ހައްޔަރުކުރި ދެ އަންހެނުންގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނީ އާމިނަތު ރޫނާ ކަމަށާއި އެ މައްސަލައިގައި ދެން ހިމެނޭ މީހާ ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދާ އެއްގޮތަށް ކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލައިގައި ހައްޔަރުކުރީ ކ. ތުލުސްދޫ، އާބިޖިލީހިޔާ / އާމިނަތު ރޫނާ (29އ.) އާއި ގ. މުތީގެއާގެ އަލްޔާ ޝަރްސާ ނަސީރު (25އ.) އެވެ.
އެ ދެމީހުން ބަންދުގައި ބައިތިއްބަން ކްރިިމިނަލް ކޯޓުން ދީފައިވާ މުއްދަތު ހަމަވާތީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިއުމުން އިތުރު 30 ދުވަހަށް އެ ދެމީހުން ބަންދުކުރަން އަމުރުކުރިއެވެ.
ބަންދު އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހިމެނޭ ޑްރަގް ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނީ ރޫނާ ކަމަށް މައްސަަލަ ތަހުގީގު ކުރާ ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުގައި އެ މައްސަލާގައި ހިމެނޭ އަލްޔާ ޝަރްސާ ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދުގެ ދަށުންނެވެ.
ބަންދު މަޖިލީހުގައި ފުލުހުން ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި، މަސްތުވާތަކެތި ގެނައި އަލްޔާގެ ޓްރެވަލް ހިސްޓްރީ އާއި ފޯނު އެކްސްޓްރެކްޝަން ރިޕޯޓް ހިމެނެ އެވެ. އެއިން އެނގޭ ގޮތުގައި އަލްޔާ އަކީ ގާތްގާތުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހެއްކަން އެނގޭ ކަމަށާއި ފޯނުން ވެސް މައްސަލައާ ގުޅޭ ހެކި ފެނިފައިވާ ކަމަށް އަމުރުގައިވެއެވެ.
އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުންދޭ ކަމަށް އަލްޔާ ވަނީ ކޯޓުގައި ބުނެފައެވެ.
އެ ދެމީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ފުަރަތަމަ އަމުރުކުރީ 15 ދުވަހަށް ބަންދުކުރުމަށެވެ. އޭގެ ފަހުން މިމަހުގެ 3 ވަނަ ދުވަހު އެކޯޓުން އަމުރުކުރީ އިތުރު 25 ދުވަހަށް ދެމީހުން ވެސް ބަންދުކުރުމަށެވެ.
އެ އަމުރުގައިވާ ގޮތުން ރޫނާގެ ގެއިން ފެނިފައިވާ ލަގެޖުން ފެނުނު ތަކެއްޗާއި ކޮންޓްރޯލް ޑެލިވަރީ ކުރިއަށް ގެންދިޔަ ފޮށީގައި ހުރި ތަކެތި އެއްގޮތް ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ.
ހާދިސާގައި ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.820 ކިލޯ ގްރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ދިފާއުގައި ރޫނާގެ ފަރާތުން ވަނީ ފުލުހުންގެ ބޮޑީ ކެމްގެ ރެކޯޑިން ހޯދަން އެދިފައެވެ.



