އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ ހޭދަކުރުމުގައި އިޤުތިޞާދުކުރުމުގެ މައްޗަށެވެ.
އެގޮތުން ބިމުގައި ލައްވައިފައިވާ ތަކެތީގެ ތެރެއިން މުދަލަކީ ﷲ سبحانه وتعالى އެކަލާނގެ އަޅުތަކުންނަށް ދެއްވާ ވަރަށް ބޮޑު ނިޢުމަތެއް ކަމުގައި ޚުތުބާގައި ހަނދުމަކޮށްދެއްވާފައިވެއެބެ. އަދި މުދަލަކީ އަހަރެމެންނަށްޓަކައި ލައްވައިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމުގައި ވެސް ހަނދުމަކޮށްދެއްވާފައިވެއެވެ. އަދި މުދަލަކީ، އަހަރެމެން އިމްތިހާނު ކުރެއްވުމަށްޓަކައި އަހަރެމެންނާ ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމުގައި ވެސް ނަސޭހަތްދެއްވާފައިވެއެވެ.
މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
”އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހައި ތަކެއްޗެއްގެ ވެރިކަން ވަނީ ﷲ އަށެވެ. އެކަލާނގެ އިރާދަކުރެއްވި އެއްޗެއް ހައްދަވަތެވެ. އަދި ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.“
މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީތީ އެ މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތް ކުރާންވާނެއެވެ. ހަމަ އެހެންމެ މުދާ ލިބުމަށްފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުޢީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެއެވެ.
މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަންކަމެވެ. މުދާ ލިބުމަށްފަހު މުދަލަށް ގެއްލުންދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫނެވެ. މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެއެވެ. ހަމަ އެހެންމެ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާން ޖެހޭނެއެވެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަންނަ މުދާ، ބޭނުން ނުކޮށްހުރެ މުއްދަތުހަމަވެ އުކާލަން ޖެހެނީ ކިތައް ފަހަރުތޯއެވެ؟ މިފަދަ ކަންކަމާ މެދު ވިސްނައި، އަހަރެމެންގެ ޢަމަލުތައް މާތް ﷲ ގެ އަމުރުފުޅުތަކާ އެއްގޮތަށް ސީދާކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ޙައްޤުތަކެއް ވެސް ﷲ سبحانه وتعالى ލައްވާފައިވެއެވެ. އެގޮތުން ތިމާއަށް ދެއްވާފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ޙައްޤުތައް ވާކަން ދަންނާށެވެ! އެ ޙައްޤުތަކުން އެބައިމީހުން މަޙުރޫމުކޮށްގެން ނުވާނެއެވެ. އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
”ދެން އެ ދުވަހަކުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާ މެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނޭކަން ކަށަވަރެވެ.“
އިސްރާފުކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމެވެ. އަދި މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމުގައި ހޭދަކުރުން ހުއްދަވެގެންނެއް ނުވެއެވެ. އިސްރާފުކުރުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެކެވެ.




