ޗެނަލް 13ގެ ސާވަރތައް ބަޔަކު ހެކްކޮށްފައިވާ ކަަމަށާއި މިއީ މީޑީއާގެ އަޑު ކަނޑުވާލަން ދިން ހަމަލާއެއް ކަމަށް އެ ޗެނެލް ހިންގާ ”މީޑިއާ ރިންގް“ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
އިދިކޮޅު ހަބަރުތައް އަދި ވަކިން ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ހަރަކާތްތައް ކަވަރުކުރާ ޗެނަލް13 ގެ ސާވަރުތައް ހެކްކޮށްފައިވާ ކަމަށް ބުނެ އެ ކުންފުނިން ބަޔާން ނެރެފައިވަނީ ރޭގައެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ޗެނަލްގެ ސާވަރުތައް ބަޔަކު ހެކްކޮށްފައި ވަނީ ރޭ 11:53ގަ އެވެ. އަދި މިކަން ކޮށްފައި ވަނީ، ވަކި ފަރާތެއް ނޭނގޭ ހެކަރުންތަކެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
”މިއީ ވަކި ފަރާތްތަކުން ރާއްޖޭގެ ކުރިއަރާފައިވާ މީޑީއާތަކަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށް މި ކުންފުނިން ދެކެމެވެ،“ އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.
މިފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކޮމްޕިއުޓަރާ އަދި ކޮމްޕިއުޓަރާ ގުޅުން ހުރި އަމަލުތަކެއްކަން ފާހަގަކޮށް، ބަޔާނުގައި ބުނީ، މިއި ޑީމޮކްރަސީ ނުދަންނަ އެކި ފަރާތްތަކުން ހިންގާ އަމަލުތަކެއް ކަމަށެވެ.



