އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އެ ޔުނިވަރސިޓީގެ 2ވަނަ ސެމެސްޓަރުގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައިޔޫއެމްއިން ބުނީ، މިޓާމުގައި އެކިއެކި ދާއިރާތަކުން 67 ކޯހަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އައިޔޫއެމްއިން މިޓާމަށް ކޯސްތައް ހުޅުވާލާފައިވާ ދާއިރާތައް:
– ޤުރުއާނާއި ޚަދީޘް
– ޝަރީޢާއިން ލޯ
– ފިޤުހު
– އިސްލާމިކް ސްޓަޑީސް
– އިމާމްޝިޕް
– ލެންގުއޭޖް އެޑިއުކޭޝަން
– ފައިނޭންސް
– އެކައުންޓިން
– ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
– މެނޭޖްމެންޓް
– ޖާނަލިޒަމް
ދައުލަތުގެ މީޑއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝިނާ ވިދާޅުވީ، މިއީ ވަރަށް ރަގަޅު ފުރުސަތެއް ކަމަށާއި، އޭލެވެލް ނިންމާފައިވާ ކުދިންނަށްވެސް މި ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އަމިއްލަ ރަށުގައި ތިބެގެންވެސް މިކޯސްތައް ހެދުމުގެ ފުރުސަތު ލިބޭނެކަން ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.
”މިއީ ވަރަށް ރަނގަޅު ފުރުސަތެއް އަޅުގަނޑުމެންގެ މިކޯސްތައް މެއިން ކެމްޕަހުގެ އިތުރުން 7 ރަށެއްގެ ކެމްޕަހުގައި ކުރިޔަށްދާނެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފުމަށް ވަރަށް ބޮޑަށް އެދެން. އޭލެވެލް ނިމިފައިވާ ކޮންމެ ކުއްޖަކުވެސް މި ކޯސްތަކަށް އަވަަހަށް ކުރިމަތިލައްވާ.“ ޑރ.ޝީނާ ވިދާޅުވިއެވެ.
ކޯސްތައް ކުރިޔަށްދާ ކެމްޕަސްތައް:
– ރ. އުނގޫފާރު ކެމްޕަސް
– ޅ. ނައިފަރު ކެމްޕަސް
– ލ. ފޮނަދޫ ކެމްޕަސް
– ތިނަދޫ ސިޓީ ކެމްޕަސް
– ފުވައްމުލައް ސިޓީ ކެމްޕަސް
– އައްޑިސިޓީ މީދޫ ކެމްޕަސް
– އައްޑޫ ސިޓީ މަރަދޫ ފޭދޫ ކެމްޕަސް
ކެމްޕަސްތަކަށް ހާޒިރުވެ ވާޗުއަލްކޮށް ކުރިޔަށްގެންދާ ކްލާސްތަކުގެ އިތުރުން މިކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އޮންލައިންކޮންވެސް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.
އައިޔޫއެމްއިން ހުޅުވާލާފައިވާ ކޯސްތަކަށް ބަލާލާއިރު، ޕީއެޗްޑީ ލެވެލްގެ ކޯހަކަށާއި، މާސްޓާސް ލެވެލްގެ 15 ކޯހަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި މާސްޓާސްއިން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރެއިން މާސްޓާރސް އިން ޓީޗިން ހަޔަރ އެޑިޔުކޭޝަންއާއި، މާސްޓާރސް އިން ރިސާރޗް ޕަބްލިކޭޝަންއަކީ ފާހަގަކޮށްލެވޭ ދެ ކޯސްކަމަށް ޑރ ޝީނާ ވިދާޅުވިއެވެ. މި ދެކޯހުގެ ސަބަބުން ޕީއެޗްޑީ ކޯސްތައް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަން ޑރ ޝީނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޑރ ޝީނާ ވަނީ، ތަޢުލީމާ ބެހޭ ވުޒާރާއާއި ގުޅިގެން ކުރިޔަށް ގެންދާ ޑިޕްލޮމާ އިން ސްޕެޝަލް އެޑިއުކޭޝަން ކޯހަކީ ވަރަށް މުހިންމު ކޯހެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
”އަޅުގަނޑުމެން ސަރުކާރުން އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ކުރިޔަށްގެންދާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ޓީޗަރުން ބިނާ ކުރުމަށް ހިންގާ ޑިޕްލޮމާ ކޯހަކީ ވަރަށް ފާހަގަކޮށްލެވޭ ކޯހެެއް ސަބަބަކީ އެދާއިރާއިން ޓީޗަރުން ލިބުން ވަރަށް ދަތި.“ ޑރ. ޝީނާ ވިދާޅުވިއެވެ.
މި ކޯސްތަކަށް އެޕްލައި ކުރެވޭނީ: http://admissions.ium.edu.mv
ގޫގްލް ފޯމް ލިބޭނީ: http://tinyurl.com/yntt9aa7




