ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ސަބަބުން ބަލީގެ ސަބަބުން ފުރާނައަށް ގެއްލުންވުން ދުރުކޮށްދޭކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. އެހެންނަމަވެސް މިވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިންވަނީ ފެނިފައެވެ. އެއާއެކު ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލި އިތުރަށް ފެތުރުނުނަ ނުދިނުމަށް އެޗްޕީއޭއިންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިމެއި މަހުގެ 13 ވަނަ ދުވަހު މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމައި ގުޅިގެން އެޗްޕީއޭއިން މިހާރުދަނީ އެފަރާތްތަކާއި ބައްދަލުވީ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ޓެސްޓު ހެދުމާއި އަދި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް މާލެ ސަރަހައްދުން 9 ފަރާތެއްވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން އެކަން ދަމަހައްޓާ، ބަލީގެ ނުރައްކާ ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
”ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ގޭގައި އުޅޭ މީހުންނަށް ނުވަތަ ޑައިރެކްޓް ކޮންޓެކްޓްސްއަށް އަޅުގަނޑުމެން ވެކްސިން އެބަދެން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވެކްސިން ގެ 2 ޑޯޒް ފުރިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން. ވެކްސިން ރާއްޖެއިން ބޭރުން ގެނައުމަށް ކުރިއަށްގެންދާ ޕްރޮސެސް މިހާރު ކުރިއަށްދަނީ.“ ނާޝިޔާ ވިދާޅުވިއެވެ.
ހިމަބިހީގެ ވެކްސިންއަށް ޤައުމީ ވެކްސިން ތާވަލުގެ ތެރެއިން އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2 ޑޯޒު އަންނަނީ ދެމުންނެވެ. އެހެންނަމަވެސް މިވެކްސިންތައް ދީފައިވާކަން ކަށަވަރުކުރެވޭ ލިޔެކިޔުމެއް ނެތްނަމަ، އެންމެ ރައްކާތެރިގޮތަކީ ހިމަބިހީގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ވެކްސިންގެ ސަބަބުން ބަލީގައި ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަކޮށްދެއެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑުވާ މީހުންގެ ތެރޭގައި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތައް ހިމެނެއެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ.
އެހެންކަމުން މިފަދަ އަލާމާތްތައް ފެންނަނަމަ މީހުންގެ ތެރެއަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި ސިއްޙީ އެހީތެރިކަން ހޯދުމަށް ހޮސްޕިޓަލަށް ދާއިރުވެސް މާސްކު ބޭނުންކުރުމަށްވަނީ އިލްތިމާސް ކޮށްފައެވެ.




1 Comment
ދުނިޔޭގެ އެކިކަންކޮޅުތަކުން ފޮޓޯތައް އެއްކޮށްގެން މީހުން ބިރުގަންނާނެ ހިމަބިއްސޭ އަނެއްބިއްސެކޭ ބުނެ! ކަމެއް ކުރަންޏާ މަގުމައްޗަށް ކަރުކަހާލާފަ ކޮންމެ ދުވަހަކު ދެފީފާ ކުޅު މިފުރަމާލޭގަ ތޮއްޖެހިގެން ކޮޓަރީއެއްގައި އުޅޭ 20 މީހުންގެ މަގުން ދޮޅުލައްކައެއްހާ ބަންގާޅިން އެބަޖަހާ! މިކަންތައް ހުއްޓުވާ ތިޔަފަޚްރުވެރިވާ 6000 ފުލުހުން ނެރިގެން