މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އަޙްމަދު ނާޒިމް އިސްތިއުފާ ދެއްވައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން ނާޒިމް އިސްތިއުފާ ދެއްވައިފައި މިވަނީ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
އެކަމަށް ބޭއްވި ޖަލްސާގައި ނާޒިމް އިސްތިއުފާދެއްވިކަން އިއުލާންކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ނާޒިމް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި، ބަޔާނެއް ވެސް ނެރުއްވައިފަ އެވެ. އޭނާގެ އިތުބާރު ނެތް ކަމަށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވާ ކަމަށް ވެސް ތުހުމަތުކޮށްްފައިވެ އެވެ.
އެކަންކަން ދޮގުކޮށް ނާޒިމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާ ގުޅިގެން އެއްވެސް ފަރާތަކުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފުވެއްޖެ ކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.
”މި ހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެޔް ކަންތައްތަކެއްކަން ފާހަގަކުރަން،“ ނާޒިމްގެ ބަޔާނުގައިވެއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެވެ. އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާ އިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިނުވާ ކަމަށް ވިދާޅުވިއެވެ.




